15 Apr 2015, 09:24
ރ. އަލިފުށީގެ އުމުރުން ދުވަސްވީ މީހަކު އެރަށު ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު މޫދުގައި މަރުވެފައިއޮއްވައި ފެނިފައިވަނީ އެރަށު ކިނާރާގޭ އުމުރުން 81 އަހަރުގެ އަލީ އިބްރާހިމް އެވެ.
އަލިފުށީ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ޝަރީފް މިއަދު ސަންއަށް ވިދާޅުވީ އިބްރާހިމް މަރުވެފައިއޮއްވައިި ފެނިފައިވަނީ އެރަށު އޮޑިއެހެލާ ސަރަހައްދުގެ މޫދުތެރޭން ކަމަށެވެ. ބެލެވޭގޮތުގައި އޭނާ މަރުވެފައިވަނީ ޖެޓީމަތިން ހިނގާފައި ދަނިކޮށް މޫދަށް ވެއްޓިގެން ކަމަށެވެ. ނަމަވެސް ރަސްމީ ޖަވާބެއް ދޭން އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ އިބްރާހިމްގެ ކާފަ ދަރިޔަކު މިއަދު ސަން އަށް ބުނީ އޭނާގެ ކާފަޔަކީ ދެ ތިން ފަހަރަކު ސްޓްރޯކް ޖެހިފައިވާ މީހެއް ކަމަށެވެ. އޭނާގެ ކާފަޔަކީ މޫދަށް ދިއުމަށް ވަރަށް ލޯބިކުރާ މީހެއް ކަމަށާއި ބެލެވޭގޮތުގައި އޭނާ މަރުވެފައިވަނީ މޫދަށް އެރިއުޅުމުގެ ތެރޭގައި ކަމަށެވެ.
"ކާފަ ގައިގަ ނުހުންނާނެ ފަތާ އުޅެވޭނެހާ ހިތްވަރެއް، އެކަނި މޫދަށް އެރިއުޅުމުގެ ތެރޭގައި ގެނބުނީކަމަށް ބެލެވެނީ" ކާފަ ދަރިފުޅު ސަން އަށް ކިޔައިދިނެވެ.
ފުލުހުން މިހާރު ދަނީ އަލީ އިބްރާހިމްގެ މަރުގެ ހާދިސާ ތަހުގީގް ކުރަމުންނެވެ.