15 Apr 2015, 09:28
ވޮޝިންޓަން (އެޕްރީލް 15): އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިންގެ ވަރުގަދަ ޙަމަލާތަކާ ގުޅިގެން އައިއެސް ޖަމާއަތް އިރާގުގައި ބަލިކަށިވެ އެޖަމާއަތުގެ އަތްދަށުގައިވާ އިރާގުގެ ބިންތަކުގެ ބޮޑުބައެއް މިނިވަން ކުރެވިއްޖެ ކަމަށް އެމެރިކާ ބުނެފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން ކާނަލް ސްޓީވަން ވަރެން ވިދާޅުވީ، އިރާގުގެ މީހުން ދިރިއުޅޭ ސަރަހައްދުގެ ބޮޑުބައި ކުރިން އައިއެސްގެ އަތްދަށުގައި އޮތްނަމަވެސް މިހާރު އެޙާލަތުވަނީ ބަދަލުވެފައި ކަމަށެވެ.
އިރާގުގެ ރަށްތަކާއި ވިލެޖްތަކާއި އަވަށްތަކުގެ ބޮޑުބައި މިހާރުވަނީ އިރާގު ސިފައިންނާއި ކުރުދީންގެ ލޯކަލް ސަރުކާރަށް ނިސްބަތްވާ ބިޝްމަރުގާ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި އައިއެސްގެ ކޮންޓްރޯލް އޮތް ބޮޑު ސަރަހައްދަކުން އެޖަމާއަތުގެ ހަނގުރާމަވެރިން ފައްސާލެވިފައިވާ ކަމަށް ކާނަލް ސްޓީވަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައިއެސްގެ އަތްދަށުގައިވާ ބިންތަކުގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތަ ބިން އިރާގު ސިފައިންނާއި ކުރުދީންގެ ބިޝްމަރުގާ ހަނގުރާމަވެރިން ފާއިތުވި ދެމަސްތެރޭގައި މިނިވަންކޮށްފައިވާ ކަމުގައެވެ.
އިރާގު ސިފައިންނާއި ސަރުކާރަށް ތާއީދުކުރާ މިލީޝިޔާތަކުން ފާއިތުވި ދެމަސްތެރޭގައި އިރާގުގެ އުތުރުގެ ސަލާޙުއްދީން ގަވަރނޭޓްގެ 90 އިންސައްތަ ބިމާއި އެނޫންބިންތައްވެސް އައިއެސްގެ އަތްދަށުން މިނިވަން ކޮށްފައިވެއެވެ. މީގެތެރޭގައި ތިކްރީތުވެސް ހިމެނެއެވެ. މިހަނގުރާމައިގާ އިރާގު ސިފައިންނާއި ސަރުކާރަށް ތާއީދުކުރާ ޝިޔައީ މިލީޝިޔާތަކުން އައިއެސްގެ ދޮޅުހާހެއްހާ ހަނގުރާމަވެރިން މަރާލިކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އައިއެސްއިން ވެސް އިރާގު ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.
އިރާގުގެ ހާލަތު މިގޮތަށްއޮތް ނަމަވެސް ސީރިޔާގައި އައިއެސް ޖަމާއަތް އިތުރަށް ވަރުގަދަވެ ސީރިޔާގެ އިތުރު ބިންތައް އެޖަމާއަތުގެ އަތްދަށަށް ގޮސްފައިވާކަމަށް ޕެންޓަގަންގެ ތަރްޖަމާން ކާނަލް ސްޓީވަން ވާން ވިދާޅުވިއެވެ.
އައިއެސްގެ ހަނގުރާމަވެރިން ދާދިފަހުންވަނީ ސީރިޔާގެ ވެރިރަށް ދިމިޝްގުގައިވާ ފަލަސްތީނުގެ ރެފިއުޖީ އެންމެ ބޮޑު އަވަށްކަމަށްވާ އަލްޔަރްމޫކް ރެފިއުޖީ އަވަށުގެ ބޮޑުބައެއްވެސް ހިފާފައެވެ. އަލްޔަރްމޫކް ރެފިއުޖީ އަވަށުގައި އައިއެސް އާއި އެޖަމާއަތުގެ ހަތުރު ކަމަށްވާ ޖަބްހަތުއްނުސްރާގެ ހަނގުރާމަވެރިންނާ ދެމެދު މިހާރުވެސް ހަނގުރާމަ ހިނގަމުންދާކަމަށްވެއެވެ.
އެމެރިކާއަކީ އިރާގާއި ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް ވައިގެ ޙަމަލާތައް ދެމުން ގެންދާ ގައުމެކެވެ. މިކަމަށްޓަކައި އެމެރިކާ އިސްވެ އޮވެގެންވަނީ 40 ގައުމު ހިމެނޭ ކޯލިޝަނެއްވެސް އުފައްދާފައެވެ. ނަމަވެސް އެމެރިކާގެ ވައިގެ ޙަމަލާތަކުން އައިއެސް ބަލިކަށި ނުވާކަމަށް އިރާގުންވެސް ބުނެއެވެ. އަދި އެމެރިކާގެ ވައިގެ ޙަމަލާތަކުން އައިއެސް ބަލިކަށިވުމުގެ ބަދަލުގައި އެޖަމާއަތް އިތުރަށް ވަރުގަދަ ވަމުންދާކަމަށް ވިދާޅުވެ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުވެސް ދާދިފަހުންވަނީ ވާހަކަ ދައްކަވާފައެވެ. މިވާހަކަތަކަށް އެމެރިކާ ރައްދު ދީފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)