މާ ދުރުނޫން މުސްތަގުބަލެއްގައި ފާރަތައް (ކުއްތާތައް) ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާނެ ކަމަށް ކޮމިޝަނަރު އޮފޮ ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ކުއްތާ ބޭނުން ކުރުމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ހަތަރު އިދާރާއަކާ އެކު ސޮއިކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ކަނޑު ހުރަސްކޮށް ފާރަ ގެންދިއުމުން ލިބެނީ ކޮން ނަތީޖާއެއްތޯ ބަލާނެ ކަމަށެވެ.

"... އިރާދަކުރެއްވިއްޔާ މާދުރުނޫން މުސްތަގުބަލެއްގައި އަޅުގަނޑުމެންގެ ފާރަތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާނެ، މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކުގައި،" އޭނާ ވިދާޅުވިއެވެ.

ފުލުހުން ގެންގުޅޭ ކުއްތާތައް ބޭނުންކޮށްގެން ތަހުގީގުތައް ކުރުމުގައި އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި، ކަސްޓަމްސް، އިމިގްރޭޝަން، އެމްޕީއެލް އަދި އެމްއޭސީއެލް އާ އެކު ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ސަންފޮޓޯ/ ފަޔާޒު މޫސާ

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރީ ކަސްޓަމްސްއާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

ކަސްޓަމްސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާއެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުޙައްމަދު އަންވަރެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ބޯޑްގެ ޑިރެކްޓަރް މުޙައްމަދު ޝިޔާމެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެޖޭނިން ޑައިރެކްޓަރު އާދިލް މޫސާއެވެ.

ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކަމިޝަނަރް އޮފް ޕޮލިސް ޙުސައިން ވަޙީދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ކަމިޝަނަރް އޮފް ޕޮލިސް ވިދާޅުވީ އެއްބަސްވުމުގެ ބޭނުމަކީ ފާރަތައް އޮޕަރޭޓް ކުރަން ޖެހޭ ތަންތަން ކަމަށްވާ ބަނދަރުތަކާއި އެއާޕޯޓްތަކާއި އިމިގްރޭޝަންގައި އޮޕަރޭޓް ކުރުމަށް ދުރާލައި ތައްޔާރު ވުން ކަމަށެވެ. އަދި މި އެއްބަސްވުމަކީ އެ މަސައްކަތްތައް ފަސޭހަ ކުރުމަށް ކޮށިގެން ދާ މަގެއް ކަމަށެވެ.

ރާއްޖޭގެ ވެށްޓަކީ މަސްތުވާތަކެތިން ރައްކާތެރިވެފައިވާ ވެއްޓަކަށް ހެދުމަށް މިއީ މުހިއްމު އެއްބަސްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.