ޓްރިޕޮލީ : ޤައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލިބިޔާގެ ރައްތިޔުންނާ ދެކޮޅަށް ލީބިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޮމުގެ ހަމަލާތައް ދިންކަން ކަށަވަރުވެފައިވާ ކަމަށް މަންޒަރު ދުށްމީހުންނާ ހަވާލާދީ ނޫސްރިޕޯޓްތައް ބުނެފިއެވެ.

ލީބިޔާގެ ޢަސްކަރީ ފައިޓަރ ޖެޓްތަކުން އިއްޔެއާއި ރޭގައި ބޮންއެޅިތަންތަކުގެ ތެރޭގައި ވެރިރަށް ޓްރިޕޮލީއާއި ޓްރިޕޮލީގެ ވަށައިގެންވާ ރަށްތައް ހިމެނެއެވެ. މީހަމަލާތަކުގައި މަދުވެގެން 200 އެއްހާ ރައްޔިތުން މަރުވެ އެތަށް ސަތޭކަބަޔަކު ޒަޚަމްވެފައިވާ ކަމަށް މުޒާހަރާތަކުގައި ބައިވެރިވާ ލީބިޔާގެ ރައްޔިތުންނާ ޙަވާލާދީ އަލްޖަޒީރާ ބުނެއެވެ.

މުޒާހަރާކުރާ މީހުންގެ ބޮލަށް ހަނގުރާމަމަތީ ބޯޓުތަކުން ބޮންއެޅުމުގައި އިސްކޮށް ހަރަކާތްތެރިވީ އެފްރިކާގެ ޤައުމުތަކުން ގައްޒާފީ ގެނަސްފައިވާ ކުލީ ސިފައިން ކަމަށާއި މަޖްބޫރުވެގެން މިކަމުގައި ބައިވެރިވި ލީބިޔާގެ ޢަސްކަރީ ޕައިލެޓުންގެ ތެރެއިން ބައެއްމީހުން ގައްޒާފީގެ އަމުރަށް ނުކިޔަމަންތެރިވެ މަތިންދާބޯޓާއެކު ބެންޣާޒީ އެއަރޕޯޓަށާއި އަވަށްޓެރި މޯލްޓާގެ އެއަރޕޯޓަށް ޖައްސާފައިވެއެވެ. މޯލްޓާއިންވަނީ އެޤައުމުގެ އެއަރޕޯޓަށް ލިބިޔާގެ ހަނގުރާމަމަތީ ދެބޯޓު ޖެއްސިކަމަށާއި އެދެބޯޓުގެ ދެޕައިލެޓުން ސިޔާސީ ޙިމާޔަތަށް އެދިފައިވާކަން ކަށަވަރުކޮށްދީފައެވެ. މިދެޕައިލެޓުންނަކީ ލީބިޔާގެ ވައިގެ ސިފައިންގެ ދެކާނަލުންނެވެ.

ޤައްޒާފީއަށް ވަފާތެރި ލީބިޔާގެ މަސްއޫލުވެރިއެއް ކަމަށްވާ ޚާލިދު ކަޢީމް ވަނީ މުޒާހަރާކުރާ މީހުންނަށް ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ހަމަލާނުދޭ ކަމަށް ވިދާޅުވެ މިކަން ދޮގުކުރައްވާފައެވެ. ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް ވެސްވަނީ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ރައްޔިތުންނަށް ހަމަލާނުދޭ ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ.
އަނެއްކޮޅުން ގައްޒާފީގެ ޙިމާޔަތުގައި މަސައްކަތްކުރާ ބާރުތަކަށް ނިސްބަތްވާ އެފްރިކާގެ ކުލީ ސިފައިން ޓްރިޕޮލީގެ މަގުތައް ޙިސާރުކޮށް ޢާންމުންގެ ގަޔަށާއި ކާރުތަކަށާ އަދި އެންބިއުލަންސްފަދަ ތަކެއްޗަށްވެސް ބަޑިން ހަމަލާތައް ދެމުން ގެންދާ ކަމަށް ޢާންމު ރައްޔިތުން ބުނެއެވެ.

ލީބިޔާ ސިފައިންގެ ލަޝްކަރުތަކުގެ ބޮޑުބައެއް ޤައްޒާފީގެ އަމުރަށް ނުކިޔަމަންތެރިވެ ރައްޔިތުންނާ މިހާރު ގުޅިފައިވުމުން ލީބިޔާގެ ސިފައިންގެ ލަޝްކަރުތައް މިހާރުވަނީ ރޫޅިފައެވެ. ގައްޒާފީ ޙިމާޔަތް ދިނުމުގައާއި ރައްޔިތުންނަށް ޙަމަލާ ދިނުމުގައި މައިގަނޑު ގޮތެއްގައި ޙަރަކާތްތެރިވަމުން ދަނީ އެފްރިކާގެ ޤައުމުތަކުން ގެނަސްފައިވާ ކުލީ ސިފައިން ކަމަށް ގައްޒާފީގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ލީބިޔާގެ ޖެނެރަލުންނާއި އިސް އޮފްސަރުން ބުނެއެވެ.

ލީބިޔާ ސިފައިންގެ އެތަށް ސަތޭކަ އޮފްސަރުންނެއްވަނީ ގައްޒާފީގެ އަމުރަށް ތަބާނުވުމަށް ސިފައިންނަށް ގޮވާލައި އިއްޔެ ބަޔާނެއް ނެރެފައެވެ. ބޭރުޤައުމުތަކުގައި ތިއްބަވާ ލީބިޔާގެ ސަފީރުންނާއި ޑިޕްލޮމޭޓުންގެ އިތުރުބަޔަކު މިއަދުވެސްވަނީ ގައްޒާފީގެ ސަރުކާރުން އިސްތިއުފާ ދެއްވުމަށްފަހު ރައްޔިތުންނާ ބައިވެރިވެގެން އޭނާ ވައްޓާލުމަށް މަސައްކަތްކުރާނެކަން ހާމަކޮށްފައެވެ. މީގެކުރިންވެސްވަނީ ބޭރުޤައުމުތަކުގައި ތިއްބަވާ ލީބިޔާގެ ސަފީރުންނާއި ޑިޕްލޮމޭޓުންގެ އެތަށްބަޔަކު ގައްޒާފީގެ ނިޒާމް ކުށްވެރިކުރުމަށްފަހު އިސްތިއުފާ ދީފައެވެ.

ގައްޒާފީ ރޭގައިވަނީ އޭނާ ފިއްލަވައިގެން ޤައުމުން ބޭރަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ލީބިޔާގެ ރަސްމީ ޓީވީ މެދުވެރިކޮށް ކުރުކުރު ބަޔާނެއް ދެއްވަފައެވެ. އަނެއްކޮޅުން ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކާ އަދި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުންވަނީ ގައްޒާފީގެ ޚުދުމުޚްތާރު ނިޒާމް ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ގައްޒާފީގެ ސަރުކާރުން ބަރުހަތިޔާރުން ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. މިސްރުގެ މަޝްހޫރު ޢިލްމުވެރިޔާ ޑޮކްޓަރ ޔޫސުފުލްޤަރްޟާވީ ވަނީ ގައްޒާފީގެ ލޭ މިހާރު ހުއްދަވާނެ ކަމަށް ވިދާޅުވެ އޭނާ މަރާލުމުގެފަތްވާ ދެއްވާފައެވެ.

އަނެއްކޮޅުން ގައްޒާފީގެ ނިޒާމުގެ އަތްދަށުން ލީބިޔާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ކުށްވެރި ކުރުމަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އދ. ގައި ހުންނަވާ ލީބިޔާގެ މަންދޫބު ވަނީ އެދިވަޑައިގެންފައެވެ. އޭނާވަނީ އޭނާ ތަމްޘީލްކުރައްވަނީ ލީބިޔާގެ ރައްޔިތުން ކަމަށާއި ގައްޒާފީ ނޫންކަމަށްވިދާޅުވެ ގައްޒާފީ ވައްޓާލުމަށް ފާޅުގައި ގޮވާލައްވާފައެވެ. ޢަރަބި ލީގުންވެސްވަނީ ލީބިޔާގެ މައްސަލާގައި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ.

ލީބިޔާއިން ލިބޭ ޚަބަރުތައް ބުނާގޮތުން ގައްޒާފީ ކިތަންވެ ވަރަކަށް ބާރުގެ ބޭނުން ކުރެއްވިޔަސް ދެން އޭނާގެ ވެރިކަން ސަލާމަތެއް ނުވާނެއެވެ. އަދި ކުރިޔަށްއޮތް ހައެއްކަ ދުވަހުގެ ތެރޭގައި ނޫނީ ދިހަވަރަކަށް ދުވަހުގެ ތެރޭގައި ގައްޒާފީގެ ވެރިކަން ވައްޓާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.