14 Apr 2015, 19:04
މުސްތަގުބަލުގައި ގައުމު ދާނެ މިސްރާބަކީ ކޮބައިކަން ދަންނަންޖެހޭ ކަމަށާއި ރަނގަޅު ގޮތުގައި އަންނަން އޮތް ޖީލުތަކަށް ގައުމު ގެންގޮސްދެވޭނީ އެފަދަ ކަންކަމަށް ހިޔާލު ބަދަލުކޮށް މަޝްވަރާ ކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެ އެވެ.
ކުއްލިއްޔާގައި މިއަދު ހަވީރު އޮތް ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ސެމިނާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒީރު ވިދާޅުވީ ބެލެނެވެރިން އެ މީހުންގެ ދަރިންނަށް ވަރަށް ފޮނި އުއްމީދު ތަކެއް ކުރާ ކަމަށާއި ނަމަވެސް އެ ހުވަފެންތަކަކީ "ގޮތް ނޭނގޭ މުސްތަގުބަލުތަކަކަށް" ކުރެވޭ އުއްމީދުތަކަކާ ދެކެމުން އަންނަ ހުވަފެންތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ އާ މަންހަޖެއް ތަންފީޒު ކޮށްގެން ދަނީ އެ ބޭނުމުގައި ކަމަށެވެ.
"ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެން ދަތުރު ކުރަމުން އައި އިރުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ވަރަށް އުސްތަންތަނާއި އަދި ވަރަށް ތިރި ތަންތަނާއި އަދި ވަރަށް އަޑި ތަންތަންވެސް. ހަމަ އެފަދަ ރާސްތާއެއް އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީވެސް. އެހެންވީމަ އެހާ ދުރު ރާސްތާއަކަށް ވިސްނާފައި ގައުމީ މަންހަޖެއް އެކުލަވާލީ،" ނަޒީރު ވިދާޅުވި އެވެ.
ދުވަސް ފާހަގަކުރުމަށް ބޭއްވި ސެމިނާގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ
ކިޔަވާ ކުދިން ބައްޓަން ކުރުމުގައި އެކުއްޖެއްގެ މާދަރީ ބަހަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ނަޒީރު ވިދާޅުވި އެވެ. ބަހާ ގުޅޭ ސެމިނާތައް ބޭއްވުމުން ތައުލީމީ ދާއިރާއަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު ހެނދުނު 9:00 އިން 5:00 އަށް ކުއްލިއްޔާގައި އޮތް ސެމިނާގައި އިލްމީ ކަރުދާސްތައް ހުށަހަޅާ އެ ކަރުދާސްތަކުގެ މައްޗަށް ވަނީ ސެމިނާގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވިފައި އެވެ. އަދި އެ ސެމިނާގައި ދިވެހި ބަހުގެ އެކަޑަމީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއި ބަހުގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައި ތިއްބެވި ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައި އެވެ.