ބައިނަލް އަގުވާމީ ފުޓްބޯޅަ ތަރިންނަށް މެސެޖް ފޮނުވޭ ކެމްޕޭނެއް އުރީދޫ އިން ފަށައިފި އެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އުރީދޫގެ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަހުމަދު ދީދީ (މަރީ) ވިދާޅުވީ 'ފޭންސް ޑޫ ވޮންޑާސް' ގެ ނަމުގައި ފަށާ އެ ކެމްޕޭން ހިންގަނީ ޕެރިސް ސެއިންޓްޖަމައިން ޓީމާއި (ޕީއެސްޖީ) ގުޅިގެން ކަމަށެވެ.

މި ކެމްޕޭނުގެ ދަށުން ޕެރިސް ސެއިންޓްޖަމައިންގެ އެއްމެ މަގުބޫލު ފަސްކުޅުންތެރިން ކަމަށްވާ ފޯވާޑް ޒްލަޓާން އިބްރާހިމޮވިޗް ޑިފެންޑަރު ތިއާގީ ސިލްވާ، ޑޭވިޑް ލުއިޒް އަދި މިޑްފީލްޑަރުންކަމަށްވާ ބްލޭސް މަޓުއިޑީ އަދި ލޫކަސް މޯރާ ފަދަ ކުޅުންތެރިންނަށް މެސެޖް ކުރުމުގެ ފުރުސަތު ލިބޭނެ ކަަމަށް މަރީ ވިދާޅުވިއެވެ.

މި ގޮތަށް މެސެޖް ފޮނުވުމަށްޓަކައި އުރީދޫ އިން ވަނީ ވެބްސައިޓެއް ހަދާފަ އެވެ. މި ވެބްސައިޓަށް ހޭޝްޓެގް ފޭންސް ޑޫ ވޮންޑާސް ޖަހާފަ މެސެޖް ފޮނުވުމުން މި ކެމްޕައިންގައި ބައިވެރިވެވުނީ އެވެ. އަދި ހަމަ މި ހޭޝްޓޭގް ބޭނުންކޮށްގެން ޓްވީޓް ކުރުމުން މި ކެމްޕޭނުގައި ބައިވެރިވެވޭނެ އެވެ. އަދި މި މެސެޖްތަކުގެ ތެރެއިން ބައެއް މެސެޖްތައް 24 ގަޑިއިރުތެރޭ ފޭންސް ޑޫ ވޮންޑާސް ވެބްސައިޓްގައި ޕަބްލިޝްކުރާނެ ކަމަށް މަރީ ވިދާޅުވިއެވެ.

"ކޮންމެ ގައުމަކުން ވެސް އެންމެ ރަނގަޅު މެސެޖް ފޮނުވާ ފަރާތަށް ޕެރިސް އަށް ދިއުމުގެ ފުރުސަތު ލިބޭނެ. އަދި ޕީއެސްޖީގެ ޓްރެއިނިން ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ،" މަރީ ވިދާޅުވި އެވެ.

އަދި އެންމެ މަގުބޫލު މެސެޖްތައް ޕީއެސްޖީގެ ސްޓޭޑިއަމްގައި ޑިސްޕްލޭ ކުރާނެ ކަަމަށް ވެސް މަރީ ވިދާޅުވި އެވެ.

'ފޭންސް ޑޫ ވޮންޑާސް' ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަރީ ވިދާޅުވިއެވެ.