ފުލުހުން ގެންގުޅޭ ކުއްތާތައް، "ފާރަ ގެމަ" ބޭނުންކޮށްގެން ތަހުގީގުތައް ކުރުމުގައި އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ހަތަރު އިދާރާއަކުން ސޮއިކޮށްފިއެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރީ ކަސްޓަމްސްއާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

ކަސްޓަމްސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާއެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުޙައްމަދު އަންވަރެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ބޯޑްގެ ޑިރެކްޓަރް މުޙައްމަދު ޝިޔާމެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެޖޭނިން ޑައިރެކްޓަރު އާދިލް މޫސާއެވެ.

ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކަމިޝަނަރް އޮފް ޕޮލިސް ޙުސައިން ވަޙީދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ކަމިޝަނަރް އޮފް ޕޮލިސް ވިދާޅުވީ އެއްބަސްވުމުގެ ބޭނުމަކީ ފާރަތައް އޮޕަރޭޓް ކުރަން ޖެހޭ ތަންތަން ކަމަށްވާ ބަނދަރުތަކާއި އެއާޕޯޓްތަކާއި އިމިގްރޭޝަންގައި އޮޕަރޭޓް ކުރުމަށް ދުރާލައި ތައްޔާރު ވުން ކަމަށެވެ. އަދި މި އެއްބަސްވުމަކީ އެ މަސައްކަތްތައް ފަސޭހަ ކުރުމަށް ކޮށިގެން ދާ މަގެއް ކަމަށެވެ.

ރާއްޖޭގެ ވެށްޓަކީ މަސްތުވާތަކެތިން ރައްކާތެރިވެފައިވާ ވެއްޓަކަށް ހެދުމަށް މިއީ މުހިއްމު އެއްބަސްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"...މިއަދު މި ސޮއިކުރެވި ދިޔަ އެމްއޯޔޫއަކީ ވަރަށް މުހިއްމު އަދި މިވަގުތަށް ދިވެހިރާއްޖޭގެ މިވެށްޓަށް ބޭނުންތެރި އެމްއޯޔޫއެއް. މިއެމްއޯޔޫގެ ސަބަބުން، އަޅުގަނޑުމެން މި އުއްމީދުކުރަނީ ދިވެހިރާއްޖޭގެ ވެށްޓަކީ މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވެފައިވާ ވެއްޓަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތްތުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ އެމްއޯޔޫއެއް ކަމަށް،" ކަމިޝަނަރު ވިދާޅުވިއެވެ.