14 Apr 2015, 17:18
އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާގެ ޕާސިޕޫރާ ޖަޔަޕޫރާއާ ދެކޮޅަށް މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗު އެއްވަރު ވެފައި ވާއިރު، އެ މެޗުން ލިބުނު އެއް ޕޮއިންޓުން ފުދޭ ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުނީ މެޗުގައި ކުޅެން ވިސްނީ ޑިފެންސިވް ގޭމެއް ކަމަށެވެ. އަދި އެ މެޗުގައި މާޒިޔާ ހާސިލް ކުރަން ބޭނުންވި ޓާގެޓް ހާސިލް ކުރެވުނު ކަމަށްވެސް ސުޒޭން ބުންޏެވެ.
"މިއަދުގެ މެޗުގެ ނަތީޖާއިން އަހަރުމެނަށް ފުދޭ. މި މެޗުގައި އަހަރުމެންގެ ޓާގެޓަކަށް ވީ އެންމެ މަދުވެގެން ޕޮއިންޓެއް ހޯދުން. މެޗުގެ ކުރިން ޑިފެންސަށް އިސްކަން ދީ، މެޗުން ޕޮއިންޓެއް ހޯދަން ފުރުސަތު ދީގެން ކުޅެން ކުޅުންތެރިންނަށް އިރުޝާދު ދިނިން. އެ ޓާގެޓް މި މެޗުން އަހަރުމެނަށް ހަސިލް ވެއްޖެ،" ސުޒޭން ބުންޏެވެ.
މިއަދުގެ މެޗުން އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު މާޒިޔާ މިހާރު އޮތީ ތާވަލްގެ ތިން ވަނައިގައި ޖުމުލަ ހަތަރު ޕޮއިންޓާއެކުއެވެ. އެ ޓީމް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާގެ ބެންގަލޫރު އަތުން 2-1 ގެ ނަތީޖާއަކުން ބަލިއިރު، ސިންގަޕޫރުގެ ވޮރިއާސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މިއަދު އިންޑޮނޭޝިއާގައި ޕާސިޕޫރާގެ އަމިއްލަ ދަނޑުގައި އެ ޓީމް މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވި ނަމަވެސް، މިދިޔަ މަހުގެ 17 ގައި މާލޭގައި ޕާސިޕޫރާއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި މިއަދު ލިބުނު ޕޮއިންޓާއެކު ކުޅުނު ފުރަތަމަ ތިން މެޗުވެސް ކާމިޔާބު ކުރި ޕާސިޕޫރާ މުޅިއެކު 10 ޕޮއިންޓް ހޯދައި، ގަދަ 16 އިން ޖާގަ ގާތްގަނޑަކަށް ކަށަވަރު ވެފައި ވާއިރު، ޕާސިޕޫރާގެ ކޯޗް އޮސްވަލްޑޯ ލެއްސާވެސް ވަނީ މެޗުގެ ނަތީޖާއާމެދު ހިތްހަމަ ޖެހޭކަމަށް ބުނެފައެވެ.
"މިއަދުގެ މެޗުގައި މާޒިޔާ ދެއްކީ އަހަރެންގެ ޓީމުގެ ކުޅުންތެރިން ފަދަ މޮޅު ކުޅުމެއް. މާލޭގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު އަހަރުމެނަށް ވަނީ ކާމިޔާބު ކުރެވިފައި. އެހެންކަމުން މި ނަތިޖާއާ މެދު އަހަރެން ހިތްހަމަ ޖެހޭ. ދެން އޮތީ ވޮރިއަރސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ވުން،" އޮސްވަލްޑޯ ބުންޏެވެ.
ޕާސިޕޫރާއަށް މިހާރު ގަދަ 16ގެ ޖާގަ ގާތްގަނޑަކަށް ކަށަވަރު ވެފައި ވާއިރު، ގްރޫޕް 'އީ' ތާވަލްގެ ދެވަނައިގައި މީގެ ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކުރި ބެންގަލޫރު އޮތީ ހަ ޕޮއިންޓާއެކު އެވެ. އެ މުބާރާތުގައި ދެން މާޒިޔާ ކުޅޭނީ ބެންގަލޫރާ ދެކޮޅަށް މާލެ ރަސްމީ ދަނޑުގައެވެ.