އަބޫޖާ (އެޕްރީލް 14): ނައިޖީރިޔާގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއްކަމަށްވާ ބޯކޯހަރާމް ޖަމާއަތުން ވަގަށް ނަގާފައިވާ އަންހެންކުދިންގެ ތެރެއިން ބައެއްކުދިން ދިރިތިއްބައި ބަޔަކަށް ފެނިއްޖެއެވެ.

ނައިޖީރިޔާގެ ބައެއް ފަރާތްތަކާ ޙަވާލާދީ ބީބީސީ ބުނިގޮތުގައި ބޯކޯ ހަރާމް ޖަމާއަތުން ވަގަށް ނަގާފައިވާ އަންހެންކުދިން ގެ ތެރެއިން 50 ކުދިން ނައިޖީރިޔާގެ އުތުރުގެ ގުވޫޒީ ވިލެޖުން މީގެ ވިއްސަކަށް ދުވަސް ކުރިންވަނީ ފެނިފައެވެ.

ގުވޫޒީ ވިލެޖަކީ ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ވަރަށް ގިނައިން ހަރަކާތްތެރިވާ ވިލެޖެކެވެ. ނަމަވެސް ނައިޖީރިޔާ ސިފައިން ދާދިފަހުން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި އެވިލެޖުން ބޯކޯ ހަރާމްގެ ހަނގުރާމަވެރިންވަނީ ފައްސާލާފައެވެ.

ވަގަށް ނަގާފައިވާ އަންހެންކުދިންތައް ފެނުނީ ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ގުވޫޒީ ވިލެޖުން ބޭރުކޮށްލުމުގެ ކުރިން ކަމަށް ވެއެވެ.

ބޯކޯ ހަރާމް ޖަމާއަތުން 219 އަންހެން ކުދިން ވަގަށް ނަގާފައިވަނީ އެކުދިން ކިޔަވަމުން ގެންދިޔަ ސްކޫލަށް މިދިޔަ އަހަރުގެ ކުރީކޮޅު ދިން ކުއްލި ޙަމަލާތަކެއްގައެވެ. ވަގަށްނެގި ބައެއްކުދިންނަށް ބިރުދައްކައިގެން ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ކައިވެނިކޮށްފައިވާއިރު އޭގެ ތެރެއިން ބައެއްކުދިންނަށް ހަނދާންނެތުމުގެ ބަލިޖެހިފައިވާ ކަމަށްވެސް ނައިޖީރިޔާގައި ޝާއިޢުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ބީބީސީ)