14 Apr 2015, 16:13
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އޭއެފްސީ ސަރަހައްދުގެ ދެވަނަ ބުރުގައި ހިމެނޭ 40 ގައުމުގެ މެދުގައި މިއަދު ނެގުނު ގުރުން، ރާއްޖެއާ ދެކޮޅަށް އެ މުބާރާތުގައި ހޮންގްކޮންގް އާއި ގަތަރު އަދި ޗައިނާ ވާދަކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެ މުބާރާތުގައި ރާއްޖެ ގްރޫޕް 'ސީ' ގައި ހިމެނޭ އިރު، އެ ގްރޫޕްގައި ގަތަރާއި ހޮންކޮންގް އަދި ޗައިނާގެ އިތުރުން ދެން ހިމެނޭ ގައުމަކީ ބޫޓާނެވެ. ބޫޓާނަކީ ވޯލްޑް ކަޕް ކޮލިފިކޭޝަން އޭއެފްސީ ސަރަހައްދުގެ ފުރަތަމަ ބުރުން ދެވަނަ ބުރަށް ކޮލިފައިވި އަށް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަން 2018 އޭއެފްސީ މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ ޖޫން މަހު ކުޅެން ހަމަޖެހިފައި ވާއިރު، ޖޫން 11ގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި، މާލޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭނީ ގަތަރާ ދެކޮޅަށެވެ. އަދި ޖޫން 16ގައި ރާއްޖެ ބައްދަލުކުރާނީ ހޮންކޮންގާއެވެ. ޖޫން މެޗުތަކަށް ފަހު ދެން އެ މުބާރާތުގެ މެޗުތައް ކުރިއަށް ގެންދާނީ މި އަހަރުގެ ސެޕްޓެމްބަރު، އޮކްޓޯބަރު، އަދި ނޮވެމްބަރުގެ އިތުރުން، އަންނަ އަހަރުގެ މާޗް މަހު އެވެ.
ސެޕްޓެމްބަރުގައި ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗުގައި، އެ މަހުގެ އަށް ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އަދި އެއަށް ފަހު އޮކްޓޯބަރު އަށެއްގައި ބޫޓާނާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، އޮކްޓޯބަރު 13ގައި އެ މުބާރާތުގެ ދެވަނަ ލެގުގެ މެޗުތައް ކުޅެން ފަށާނެއެވެ.
ދެވަނަ ލެގުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި އަހަރުގެ އޮކްޓޯބަރު 13ގައި ގަތަރާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، 12 ނޮވެންބަރުގައި ކުޅޭނީ ހޮންގްކޮންގާ ދެކޮޅަށެވެ. އަދި އަންނަ އަހަރުގެ މާޗް 24 ގައި ޗައިނާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، އެ މަހުގެ 29ގައި ރާއްޖެ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަން 2018ގެ އޭއެފްސީ ސަރައްހަދުގެ ކޮލިފިކޭޝަން ހަމަޖެހިފައި ވާގޮތުން، އެ މުބާރާތުގެ ތިންވަނަ ބުރަށް ދަތުރު ކުރާނީ 40 ގައުމު ބަހާލެވިފައިވާ އަށް ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕަކުން އެންމެ މަތިން ޕޮއިންޓް ހޯދާ ޓީމެވެ. އޭގެ އިތުރުން، އެ ގްރޫޕް ތަކުން ދެވަނަ ހޯދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ގައުމުވެސް މުބާރާތުގެ ތިންވަނަ ބުރަށް ދަތުރު ކުރާނެއެވެ.

އޭއެފްސީން މިއަދު ބޭއްވި ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެވަނަ ބުރުގެ ގުރުން ގައުމުތައް ބަހާލެވިފައިވާ ގްރޫޕްތައް --- ފޮޓޯ/ އޭއެފްސީ
ތިންވަނަ ބުރަށް ދަތުރުކުރާ 12 ގައުމު ދެ ގްރޫޕަކަށް ބަހާލުމަށް ފަހު، ރައުންޑް ރޮބިން އުސޫލުން މެޗުތައް ކުޅެ ދެ ގްރޫޕުން އެންމެ މަތިން ހޯދާ ދެ ޓީމް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވާނެއެވެ. އަދި އެ ގްރޫޕްތަކުން ތިންވަނައަށް ދާ ޓީމަށް ފުރުސަތު އޮންނާނީ މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށް އިންޓަރ ކޮންފެޑަރޭޝަން ޕްލޭއޮފްގައި ވާދަކުރުމަށް ފަހު އެވެ.