ނިއުޒީލެންޑްގެ ކްރައިސްޓްޗާޗަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، މުދަލަށާއި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖޯން ކީ އަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފި އެވެ.

ރައީސް ނަޝީދު، ބޮޑުވަޒީރު ޖޯން ކީ އަށް ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ނިއުޒީލެންޑް ސަރުކާރަށާއި، ރައްޔިތުންނަށާއި، ބޮޑުވަޒީރު ކީ އަށާއި އަދި ގެއްލުން ލިބުނު މީހުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައި ވެއެވެ.

އަދި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި އެދިވަޑައިގެންފައިވެ އެވެ.