14 Apr 2015, 15:32
ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުން، ދިވެހިބަސް ކިޔަވައިދިނުމުގައި ދަރިވަރުން ޝައުގުވެރިވާނެ އާ ގޮތްތަކެއް ހޯދުން މުހިއްމު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
"ދިވެހިބަސް - ދިވެހިންގެ ފަހުރު"ގެ ޝިއާރުގެ ދަށުން މިއަދު ރާއްޖޭގައި ރަސްމީކޮށް ފުރަތަމަ ފަހަރަށް ފާހަގަކުރަމުންދާ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ދިވެހިބަސް ކުރިއަރުވަން މުދައްރިސުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުންގެންދާ ބައެއް ކަމަށެވެ.
އެގޮތުން، މިހާރެކޭ އެއްގޮތަށް ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ދަރިވަރުންނަށް ބާރުއަޅުއްވައިދެއްވުމަށް ހުރިހާ މުދައްރިސުންގެ އަރިހުން މިނިސްޓަރު އެދިލެއްވިއެވެ.
"ދިވެހިބަސް ކިޔަވައި ދެއްވާ މުދައްރިސުން ކިޔަވައިދެއްވުމުގައި އާ ގޮތްތައް ހޯއްދަވައި ކުދީން ޝައުގުވެރިވާނެ ގޮތްތަކަކަށް ކިޔަވައި ދެއްވުން މުހިންމު. ބަހުގެ ތަފާތު ދާއިރާތަކާއި ބަހަވީ އިލްމަށް އަހުލުވެރިވުން ވަރަށް މުހިންމު. ބަހުގެ މުއްސަދިކަމާއި ބަލާޣާތްތެރިކަމުގެ ވާހަކަތައް ތަކުރާރުކޮށް މިހާރު ވެސް ކިޔަވާދެއްވަމުން ގެންދަވާގޮތަށް ކުރިއަށް ގެންދެވުން އެދެން،" މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިބަހަކީ ދިވެހިންގެ ވިންދާގުޅިފައިވާ ބަހެއްކަމަށް އިޝާރާތްކުރައްވައި އެކަމަނާ ވިދާޅުވީ، ދިވެހި ބަސް ނޫން ބަހަކުން ދިވެހިން ވިސްނަން ފަށައިފިނަމަ ދިވެހިންގެ ސިކުނޑިން ދިވެހިވަންތަކަމުގެ ވިންދު ޖެހުން ހުއްޓި، ދިވެހި ގައުމިއްޔަތުގެ ލޯބި މަރުވެދާނެ ކަމަށެވެ.
"...ދިވެހި ގައުމިއްޔަތުގެ ލޯބި މަރުވެއްޖެނަމަ އަމިއްލަވަންތަކަމުގެ ފަހުރު ރައްކާކުރުމުގެ ޝައުގެއް ދިވެހީންގެ ކިބަޔަކު ނުހުންނާނެ. އެހެން ވެއްޖެ ނަމަ ދިވެހީންގެ މިނިވަންކަމާއި އަމިއްލަ ގައުމީ ޝަހުޞިއްޔަތު ބީވެގެން ހިނގައިދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމެއްގެ މާދަރީބަހަށް އެގައުމެއްގެ ރައްޔިތުން ބީރައްޓެހި ވެއްޖެ ނަމަ އެ ބީރަށްޓެހި ވެވެނީ ބަހުގެ އިތުރުން އެބައެއްގެ އަސްލަށާއި އެ ގައުމެއްގެ ތާރީހަށާއި ސަގާފަތަށާއި މާޒީގެ އިތުރުން މުސްތަގުބަލު ކުރެހުމަށްޓަކައި ފަސް އެނބުރި ބަލައިލަން އޮތް ހަގީގަތް ތަކަށް ކަމަށް ވެސް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވިއެވެ.