14 Apr 2015, 15:01
އައިޖީއެމްއެޗް ކަރީގައި ހުއްޓައި މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅަށް ހަމަލާދީ މަރާލި މައްސަލައިގެ ތުހުމަތަށް ފުލުހުން ހޯދަމުން ދިޔަ ޏ. ފުވައްމުލަށް ހޯދަޑު، ނޯވެލް، މުހައްމަދު ޝަމްލު 18، އަމިއްލައަށް މިއަދު ފުލުސް އޮފީހަށް ހާޒިރުވެއްޖެ އެވެ.
ޝަމުލްގެ އިތުރުން ދެ މީހަކު ފުލުހުން ހޯދުމަށް އިއުލާނުކޮށްފައިވާ އިރު އޭގެ ތެރެއިން ޏ. ފުވައްމުލައް ދަޑިމަގު، ޝައިނީ، މުޙައްމަދު ސަމީޙު (19އ) ވެސް ވަނީ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެފައެވެ. އެ މައްސަލާގައި ފުލުހުން ހޯދުމުންދާ ކ. މާލެ، ދަފްތަރު ނަންބަރު ދރ 1169، އިސްޙާޤް ނާދިރު (18އ) އަދި ފެނިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު ނޫރަށް ހަމަލާދިނުމުން، އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް އޭނާ މަރުވީ އެ ރޭ މެންދަމު 3:30 ހާއިރު އެވެ.
ނޫރުގެ އާއިލާއިން "ސަން"އަށް ބުނީ އޭނާ މަރާލީ ޗާނދަނީމަގު ޔޫރޯ ސްޓޯރު ކައިރިން ޒުވާނަކަށް ހަމަލާދީ ޒަހަމްކޮލުމުން އެ ޒުވާނާ ގޮވައިގެން އައިޖީއެމްއެޗަށް ގޮސް ހުއްޓައި ކަމަށެވެ.
އާއިލާއިން ބުނީ އެ ރޭ 11:45 އެހާކަންހާއިރު ޔޫރޯ ސްޓޯރު ކައިރިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން ނޫރު އާއި އިތުރު ބަޔަކު އެ މީހާ ގޮވައިގެން އައިޖީއެމްއެޗަށް ދިޔަ ކަމަށެވެ.
ޒަޚަމްވި މީހާ އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު އެ ހޮސްޕިޓަލްގެ އިމަޖެންސީ ގޭޓު ކުރިމަތީގައި ނޫރު އާއި އިތުރު ބަޔަކު ތިއްބައި ސައިކަލުން ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ ނޫރުގެ ކަރަށާއި އަރިކައްޓަށް ވަޅި ހެރި ކަމަށް އާއިލާއިން ބުނެ އެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ހަޅޭލައްވައި އަޑުގަދަ ކުރަން ފެށުމުން އައިޖީއެމްއެޗުގެ "ޖަގަހަ ތެރޭގައި" ތިބި ސެކިއުރިޓީ ބަލަހައްޓާ މީހުން ނުކުތްއިރު ހަމަލާދިން ވަޅި އެއްލާލުމަށްފަހު އެމީހުން ފިލާފައިވާ ކަމަށް ވެސް ނޫރުގެ އާއިލާ އިން ވާހަކަދެއްކި މީހާ ބުންޏެވެ.