14 Apr 2015, 14:05
ވިލާ ގްރޫޕަށް ދޫކޮށްފައިވާ ދެ ރަށެއްގެ ކުއްޔާއި ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދައްކަން މީރާއިން އެންގި އެންގުމަށް އަމަލުކުރުން ފަސް ކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
މީރާއިން ފޮނުވި ނޯޓިސްތަކުގެ ތެރެއިން އަމަލުކުރުން ފަސްކުރަން އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅާފައި ވަނީ ލ. ކައްދޫ އާއި ހދ. ހަނިމާދޫ އިން ވިލާއަށް ދޫކޮށްފައިވާ ސަރަހައްދުގެ ކުއްޔާއި ޖޫރިމަނާ ދައްކަން އެންގި އެންގުމަށެވެ.
ސިވިލް ކޯޓުން ވަކިވަކިން މިއަދު ނިންމި ދެ ނިންމުމުގައި ވެސް ވަނީ ވިލާއިން ލިބޭނެކަމަށް ބުނާ ގެއްލުންތަކަކީ މާލީ ގެއްލުންތަކެއް ކަމުގައިވާއިރު، އެ ފައިސާ އަނބުރާ އިއާދަ ކުރަންޖެހޭ ފަރާތަކީ ދައުލަތުގެ އިދާރާއެއް ކަމުގައިވާތީ ވަޒަންކުރަންޖެހޭނީ އެ ފައިސާއަކީ އަނބުރާ އިއާދަކޮށްދެވޭނެ އެއްޗެއް ކަމުގައި ކަމަށެވެ.
"މިހެން މިކަން އޮތުމުން އިއާދަނުކުރެވޭނެ ކަމެއް ކަމުގައި ބެލުމުގެ މި އުންސުރުތައް ވިލާ ހޮލިޑޭ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ގޮތުގައި އޮތްކަމަށް ނުބެލެވޭތީ، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަގުތީ އަމުރަކަށް އެދިފައިވާގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަން ޝަރީއަތުގެ ހަމަތަކުން އެނގެ އެވެ،" ސިވިލް ކޯޓުގެ އަމުރުގައި ވެއެވެ.