14 Apr 2015, 15:12
ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފަތުރުވެރިކަމުގެ ފައިދާ ފަތުރާލެވިފައި މިވަނީ ގައުމީ އެއާލައިނުގެ ޚިދުމަތަކީ ފަތުރުވެރިކަމުގެ ސިނާއަތުން އިތުބާރުކުރި އަދި ބަރޯސާ ކުރެވޭ ހިދުމަތަކަށްވުމުން ކަމަށް އައިލެންޑް އޭވިއޭޝަންގެ ޗެއާމަން އަހުމަދު ޝަފީއު ވިދާޅުވެއްޖެއެވެ.
އަހުމަދު ޝަފީއު މިހެން ވިދާޅުވެފައި ވަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ދެއްވި ޚިޠާބެއްގައެވެ.
މޯލްޑިވިއަންގެ ވައިގެ ދަތުރުފަތުރުގެ ސަބަބުން އަތޮޅުތަކުގެ އާންމު ވިޔަފާރިތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނުވާކަމަށާއި އަދި އެ އެއާއަލައިނަކީ އިޤުތިޞާދީ މަސައްކަތްތަކަށް މަގުފަހިކޮށްދޭ ބައެއްގެ ގޮތުގައި ރައްޔިތުން ބަލައިގެންފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަންގެ ޙަޔާތުގައި ފާއިތުވެގެން ދިޔަ 15 އަހަރަކީ ރާއްޖޭގައި އެއަރލައިން އިންޑަސްޓްރީއެއް ޤާއިމްކޮށް، ތަރައްޤީކޮށް، ރައްޔިތުން ބަލައިގަންނަ ފަދަ އިތުބާރު ހުރި ޚިދުމަތްތަކެއް ދެވިފައިވާ އަހަރުތަކެއް ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.
"ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި ސަރަހައްދީ ވައިގެ ދަތުރުތައް ފުޅާކޮށް، ރާއްޖޭގެ އިޤުތިޞާދު ވަރުގަދަކުރުމަށް، އަދި އިޖުތިމާއީ ގޮތުން މުޅި ރާއްޖެ ގުޅުވާލުމުގައި ޤައުމީ އެއާރލައިންގެ ސީދާ ޚިއްޞާއަކީ ދެބަސްވެވެން ނެތް ހަޤީގަތެކެވެ." ޝަފީއުގެ ޚިޠާބުގައި ވެއެވެ.
ވައިގެ ދަތުރަކީ ހަމައެކަނި ފުދުންތެރި ތަނަވަސްކަން ހުރި ފަރާތްތަކަށް އެކަނި ޚާއްޞަކުރެވިފައިވާ ޚިދުމަތެއް ކަމުގައި ޤަބޫލުކުރެވިފައި އޮތް އޮތުން "މޯލްޑިވިއަން" އިން މިއަދު މިވަނީ ބަދަލުކޮށްފައި ކަަމަށް ޝަފީއު ވިދާޅުވިއެވެ.
ކުއްޔަށް ހިފައިފައިވާ ދެ މަތިންދާ ބޯޓާއެކު އައިލެންޑް އޭވިއޭޝަނުން ފެށި ވިޔަފާރި މިހާރު ވަނީ ވަރަށް ފުޅާވެފައެެވެ. މޯލްޑިވިއަން އިން 2008 ވަނަ އަހަރު ރާއްޖޭން ބޭރަށް ދަތުރުކުުރަން ފެށިއެވެ. އެގޮތުން އިންޑިއާއަށް އުދުހެންފެށިއެވެ. މިހާރު މޯލްޑިވިއަން އިން ދަނީ ބަންގަލަދޭޝް އަށާއި ޗައިނާ އަށާއި ބެންކޮކަށް ދަތުރުކުުރަމުންނެވެ. ޗައިނާގެ ފަސް މަންޒިލަކުން ހަފްތާއަކު 900 ފަތުރުވެރިން މޯލްޑިވިއަންގައި ރާއްޖެ ޒިޔާރަތްކުރެއެވެ.
އިމަޖެންސީ ހާލަތުގައި ފަރުވާއާ ހަމައަށް އުފަލަން ޖެހޭ ބަލިމީހުން އުފުލުގެ ޚިދުމަތަށް ކުންފުނިން ވަރަށް އިސްކަމެއް ދީގެން ކުރަމުންދާކަމަށް ވެސް ޝަފީއު ވަނީ ވިދާޅުވެފައެވެ.
"މި ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ވަނީ ކުންފުނީގެ އެންމެ އަގުބޮޑު ރައުސްމާލު ކަމުގައިވާ ޤާބިލް، ހީވާގި، ދެވަނައެއް ނުވާ މުވައްޒަފުންނާއި، ރޭވުންތެރި ހިންގުންތެރި ވެރިންނެވެ." ޝަފީއު ވިދާޅުވިއެވެ.