ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ސައިކަލުން ޑިއުޓީ ކުޑަކޮށް، ގާމެންޓްސް އިން ޑިއުޓީ ނުނަގާ ގޮތަށް އެކްސްޕޯޓް އިމްޕޯޓު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާން ހުށަހެޅުއްވި އެ ބިލް ބަލައިގެންފައި ވަނީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗިހީގެ ތެރެއިން ކާރު، ޖީޕް، ވޭން، އޮޓޯ ސައިކަލާއި މޮޓޯ ސައިކަލް ފިޔަވައި އެހެން އުޅަނދުތަކުން 150 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެ ބިލްގައި ވެއެވެ.

އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުން 150 ޕަސެންޓުގެ ޑިއުޓީއެއް ނަގާގޮތަށް ކުރިން ފާސްކޮށްފައި އޮތްނަމަވެސް، ޖަމީލް ހުށަހެޅުއްވި ބިލްގައި ވަނީ އެއަދަދު 100 ޕަސެންޓަށް ތިރިކޮށްފައެވެ.

އެ ބިލްގައި ވަނީ ނިޓްކޮށްފައި ނުވަތަ ކްރޯޝޭ ކޮށްފައި ހުންނަ ތައްޔާރީ ހެދުމާއި، ހެދުން އެޅުމުގައި ބޭނުންކުރާ އެއްޗިހިން އެއްވެސް ޑިއުޓީއެއް ނުނަގާނެ ކަމަށެވެ.

ނުކުޅެދޭ މީހުންނަށް ޚާއްސަކޮށްގެން ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗިއްސާއި އިންޖީނު ނުލާ ދުއްވާ އެއްޗިހި އަދި އެތަކެތީގެ ބައިތަކުން ނަގަންޖެހޭނީ ފަސް ޕަސެންޓުގެ ޑިއުޓީއެއް ކަމަށް އެ ބިލްގައި ވެއެވެ.

ޖަމީލް މިއަދު 'ސަން އަށް ވިދާޅުވީ އެބިލަކީ ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ ޖީބަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ހުށަހެޅި ބިލެއް ކަމަށެވެ.

އޭނާ ވިދާޅުވީ އަންނައުނުގެ ބާވަތްތައް ފަދަ ޒަރޫޒީ ބޭނުންތަކަށް ބޭނުންކުރާ ބާވަތްތަކުން ޑިއުޓީ މާފްކޮށް، އަދި ސައިކަލް ފަދަތަކެތިން ޑިއުޓީ ކުޑަކުރަން ހުށަހެޅީ ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.