14 Apr 2015, 12:41
ނުގަވައިދުން އުޅޭ ބިދޭސީން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓުވުމަށްޓަކައި މާދަމާއިން ފެށިގެން އުޅަނދު ފަހަރު ބަލައި ފާސްކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ޓްރާންޕޯޓް އޮތޯރިޓީގެ ޑިރެކްޓަރު ޢަބުދުއް ރަޝީދު ނާފިޒް މިއަދު ސަން އަށް ވިދާޅުވީ އުޅަނދު ފަހަރުން ދަތުރުކުރާ ބިދޭސީން އަތުގައި ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދައާއި ވިސާ އޮތްތޯ ބަލާނީ މެރިން ޕޮލިސްއާއި ރަށް ރަށުގެ ކައުންސިލް ތަކުން ކަމަށެވެ.
ނާފިޒު ވިދާޅުވީ މާދަމާއިން ފެށިގެން އެކަން ބަލަން ނިންމީ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އެކަމަށް އެދުމުން ކަމަށެވެ.
"... ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހެއް ކަމަށް އެބޭފުޅުން ފާހަގަ ކުރައްވަނީ އެމީހުން އެކި ރަށްރަށަށް ދަތުރުކޮށްކޮށް ތިބުން. ދެން އެކަން ހުއްޓުވުމަށް އެޅޭފެ ފިޔަވަޅުތަކާއި މެދު އަޅުގަނޑުމެން މަޝްވަރާ ކުރީ،" އޭނާ ވިދާޅުވިއެވެ.
ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދަތުރުކުރޭތޯ ބަލަން މާދަމާ ފަށާނެ ކަމާއި ސައްޚަ ލިޔެކިއުން ނެތް ބިދޭސީން އުފުލައިދޭ އުޅަނދުފަހަރުގެ ވެރިން ޖޫރިމަނާ ކުރާނެ ކަން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފައެވެ.