14 Apr 2015, 13:18
ތިމާވެށީގެ ދާއިރާއިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ފެހިފަތް" އިނާމަށް ނަންހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފެހިފަތް އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އިތުރުކުރުކޮށް މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގިނަ ފަރާތްތަކަކުން އެދިފައިވުމާއެކު، އެފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ފަހިކޮށްދިނުމަށްޓަކައި ފެހިފަތް އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލް 2015 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން އެފުރުސަތު ހުޅުވާލާފައި ވަނީ މާޗު 22 އިން ފެށިގެން އަންނަ މިމަހުގެ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.
ފެހިފަތް އިނާމަށް އިނާމަށް ކުރިމަތިލެވޭ ފަރާތްތަކުގެ ތެރޭގައި އަމިއްލަ ފަރާތްތައް، ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި ވިޔަފާރިތައް ހިމެނެއެވެ. އަދި ހަމައެއާއެކު ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ސްކޫލްތައް، ކޮލެޖްތައް، ޔުނިވަރސިޓީތަކަށް ވެސް ފެހިފަތް އިނާމަށް ކުރިމަތިލެވޭނެ ކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީން މައުލޫމާތުދެއެވެ.
ފެހިފަތް އިނާމަށް ކުރިމަތިލެވޭ ދާއިރާތަކުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓާއި ވޯޓަރ ކޮންޒަރވޭޝަން އެންޑް މެނޭޖްމަންޓާއި ހޭޅިފަށް ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ދާއިރާއާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމުގެ ދާއިރާ ހިމެނެއެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި މުޖުތަމަޢަށް ފައިދާ ކުރުވަނިވި މިންވަރަކަށް ގަސް އިންދައި ފޯރުކޮށްދިނުމާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރި ކުރުމުގެ އިތުރުން ތިމާވެށީގެ ދާއިރާއިން ރިސާޗު ކުރުމުގެ ދާއިރާ ވެސް ހިމެނެއެވެ.
ފެހިފަތް އިނާމަށް ނަން ހުށަހެޅުމަށް ފޯމު ފުރިހަމަ ކުރާއިރު ތިމާވެށީގެ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތައް ސާބިތުކޮށްދެވޭނެ ފަދަ ހެކި ހުށަހަޅަންޖެހޭނެ ކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
އެންވަޔަރަންމަންޓު މިނިސްޓްރީން ބުނީ ފެހިފަތް އިނާމަށް އިންސާފުކޮށް ޝޯޓްލިސްޓް ކުރާނީ ކަމާބެހޭ ފަންނީ މުވައްޒަފުންގެ ތެރެއިން އެކުލަވައިލާ، ފަންނީ ކޮމިޓީއަކުން ކަމަށެވެ. އަދި ފަންނީ ކޮމިޓީން ޝޯޓްލިސްޓު ކުރާ 5 ފަރާތުގެ ނަން ސޯޝަލް ކައުންސިލަށް ހުށަހެޅޭނެ ކަމަށާއި ޝޯޓްލިސްޓުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފެހިފަތް އިނާމު ދޭނެ ފަރާތްތައް ކަނޑައަޅާނީ ސޯޝަލް ކައުންސިލުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފެހިފަތް އިނާމަކީ ތިމާވެށީގެ ދާއިރާއިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމެކެވެ.