އެއްވެސް ކުށަކަށް ރައީސުލްޖުމްހޫރިއްޔާ އަށް އަދަބު ލުއިނުކޮށްދެވޭނެ ގޮތެއް ނެތް ކަމަށާއި، ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށް މައާފްދިނުމަކީ ގާނޫނާ ޚިލާފު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

މޫކައި ހޮޓެލުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އަދަބު ލުއި ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ގާނޫނީ ބާރެއް ކަމަށެވެ. ޑިމޮކްރަސީއަކަށް އަމަލުކުރާ ގައުމަކަށް ވާނަމަ ރައީސުލްޖުމްހޫރިއްޔާ އަށް ތިންބައިކުޅަ އެއްބައި ރައްޔިތުން ވަކި ކަމަކަށް އެދި ހުށަހެޅުމުން އެކަމަކީ ރައީސުލްޖުމްހޫރިއްޔާ އަމަލުކުރަންވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ހަގީގަތުގައި ސަރުކާރަށް ދެވޭ ވަރަށް ބޮޑު ޕްރެޝަރެއް. އެކަން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ. އެނގިވަޑައިގަންނަވާނެ މި މައްސަލައަކީ ހަމައެކަނި ރާއްޖޭގެ މައްސަލައެއް ނޫން. މި މައްސަލައަކީ ބޭރު ދުނިޔެއިން އެތައް ގައުމަކުން ވަރަށް ގާތުން ބަލަމުންދާ މައްސަލައެއް،" އަހްމަދު ވިދާޅުވި އެވެ.

ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނޭ ހަސަން ލަތީފު(ކ) އަދި އަހުމަދު އަބްދުﷲ އަފީފު(ވ): ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މި ބައްދަލުވުމުގައި ވާހަކަފުދައްކަވަމުން ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކާ ގާނޫނު އަސާސީއަށް ބަލާއިރު ހުކުމް ތަންފީޒު ކުރަމުންދާ ފަރާތެއް ދޫކޮށްލުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމަކީ އެއްވެސް ގާނޫނަކާ ޚިލާފު ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު އެކުލަވާލެއްވި ބައިނަލްއަގުވާމީ ގާނޫނީ ޓީމާ ގުޅޭ ގޮތުން ހަސަން ވިދާޅުވީ އެފަރާތަކުގެ މަސައްކަތް ރާއްޖޭގެ ގާނޫނީ ޓީމާ ގުޅިގެން ފަށާފައިވާ ކަމަށެވެ. އަދި ބަދަލުކުރަންޖެހޭ ލިޔެކިއުންތައް ތަރުޖަމާ ކުރުމަށްފަހު ބައިނަލްއަގުވާމީ ޓީމާ ހަވާލު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނީ ޓީމު ގުޅިވަޑައިގަތުމާއި އެކު "ވަރަށް ބޮޑު އުއްމީދެއް" އާލާވެގެން ގޮސްފައިވާ ކަމަށެވެ.

ރައީސް ނަޝީދު ދޫކޮށްލުމަށް ޕެޓިޝަނެއްގައި ސޮއިކޮށް ރައީސަށް ހުށަހަޅަން ތައްޔާރުވެފައިވާއިރު ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފުކަމެއް ކުރުމަށް ގޮވާލައި ހުށަހަޅާ ޕެޓިޝަނަކަށް ރައީސް ޔާމީން އަމަލުނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ އިއްޔެ ވަނީ ވިދާޅުވެފައެވެ.