ފ. ނިލަންދޫ އާއި ރ. އިނގުރައިދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ ބަނދަރު މަރާމާތުކުރެވިގެން ދިޔުމުން އެ ދެ ރަށަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ލަފާ ފުރުމުގެ ގޮތުން ފަސޭހަތަކެއް ލިބުމުގެ އިތުރުން އިގްތިސޯދީ ކުރިއެރުންތައް އެ ދެ ރަށަށް ލިބިގެންދާނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ނިލަންދޫގެ ބަނދަރަށް 60.9 މިލިއަން ރުފިޔާ ޚަރަދުވާއިރު އިނގުރައިދޫގެ ބަނދަރުގެ މަސައްކަތައް 42.6 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ދެ ރަށުގެ ތެރެއިން ނިލަންދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 445 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އަދި އިނގުރައިދޫ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ނިލަންދޫގެ ބަނދަރު، ވިލާ ދިމާލަށް ބޭރަށް ޖެއްސުމަށްފަހު 10 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ނެރު ބައްތި ޖެހުމަށްފަހު 324 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓު ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އިނގުރައިދޫ ބަނދަރު މަރާމާތު ކުރެވިގެންދާއިރު އެރަށުގައި މިހާރު ހަދާފައިވާ ބަނދަރު 750 ފޫޓަށް ބޮޑު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ބަނދަރުގައި 288 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ޖެހުމަށް ހަމަޖެހިފައިވާއިރު 353 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓެއް ޖެހުމަށްވެސް ވަނީ ނިންމާފަ އެވެ.

އެ ރަސްމިއްޔާތުގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ނިމިގެންދާއިރު އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އިނގުރައިދޫ ބަނދަރުގެ މަސައްކަތް އެމްޑީސީސީއާ ހަވާލުކޮށްފައިވާތީ އެ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވަނީ ހައުސިން މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ޝުކުރު ދަންނަވާފައެވެ.