14 Apr 2015, 11:04
ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ކުރީގެ ޑިރެކްޓަރު އަބްދުﷲ އަލްގީންގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން މިއަދު ކެންސަލް ކޮށްފި އެވެ.
މިހާރު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމުގައި ހުންނެވި އަލްގީންގެ ޝަރީއަތް ކެންސަލްކުރި ސަބަބެއް ހައިކޯޓުން ބުނެފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަލްގީންގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލީ އޭނާ މީޓިއޮރޮލޮޖީގެ ޑިރެކްޓަރަކަށް ހުންނެވި އިރު ޖަޕާނުގެ ޖެމްސްޓެކުކުންފުނިން ރާއްޖޭގައި ހިންގި މޫސުމާ ބެހޭ މަޝްރޫއަކުން ދިވެހި ސަރުކާރަށް ފޮނުވި 177،460 އެމެރިކާ ޑޮލަރު (2.2 މިލިއަން ރުފިޔާ) އޭނާގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން 2012 އޯގަސްޓްގައި ވަނީ އެމައްސަލަ އަލްގީންގެ މައްޗަށް ސާބިތުނުވާކަމަށް ހުކުމް އިއްވާފައެވެ. ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި އެއްވެސް ލިޔުމެއްގައި އެ ފައިސާއަކީ މީޓިއޮރޮލޮޖީގެ އެކައުންޓަށް ޖަމާވާން ޖެހޭ ފައިސާއެއް ކަމަށް ބަޔާންކޮށްފައި ވާތީ، ޚިޔާނާތުގެ ކުށް އަލްގީންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
އެ މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއްކޮށްފައި ނުވާ ކަމަށާއި އެ މަޝްރޫއުއަށް ޚަރަދުކޮށްފައި ވަނީ ޖަޕާނުން ކަމަށާއި ޖަޕާނުގެ ކުންފުނިން އެ މައްސަލާގައި ޝަކުވާކޮށްފައި ނުވާ ކަމަށްވެސް އެ ހުކުމްގައި ވެއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ.