14 Apr 2015, 10:42
ޝަރުއީ ކޯޓަކުން ހުކުމް ކުރުމަށްފަހު ޖަލަށް ގެނެވޭ ގައިދީއެއްގެ ސަލާމަތީ ގިންތި 21 ދުވަހުގެ ތެރޭގައި ކަނޑައަޅަންޖެހޭ ގޮތަށް ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުންނާ މެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދު ގެޒެޓުކޮށްފި އެވެ.
އިއްޔެ ގެޒެޓުކޮށްފައިވާ އެ ގަވާއިދަކީ ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.
ގަވާއިދުގައި ވަނީ ޖަލަށް ގެނެވޭ ގައިދީން ތިން ދަރަޖަ އަކަށް ގިންތި ކުރެވޭނެ ކަމަށެވެ. އެގޮތުން ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖަ އާއި ސަލާމަތީ ގިންތީގެ މެދު ދަރަޖައިގެ އިތުރުން ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައަކީ ކުށްވެރިން ނުވަތަ ގައިދީން ދަރަޖަ ކުރާ ގިންތިތައް ކަމަށް ގަވާއިދުގައި އެވެ.
ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖައިގެ ގައިދީން ފިޔަވައި އެހެން ގައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ އެންމެ މަދުވެގެން އަހަރަކު އެއްފަހަރު މުރާޖާ ކުރަންޖެހޭނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.
ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ޖަލުގައި ތިބޭއިރު އެފަރާތްތަކަށް ދޭންޖެހޭ ފުރިހަމަ ހިމާޔަތް ކަރެކްޝަނަލް ސާވިސް އިން ދޭން ޖެހޭނެ ކަމަށާއި އަދި އެމީހަކު ޖަލަށް ވެއްދުމަށްފަހު ޚާއްސަ ހިމާޔަތް ދޭންޖެހޭ ހާލަތްތަކުގައި އެމީހަކަށް ހިމާޔަތް ދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެ ކަމަށް ވެސް ގަވާއިދުގައި އެވެ.