މަރުވިތާ 26 ދުވަސް ވެފައިވާ ބިދޭސީ މީހާ ވަޅުލުމަށް ފުލުހުންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ކޮންޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ މުނީރު މުހައްމަދު މިދިޔަ ޖެނުއަރީ 28 ގައި ގުދުރަތީ މަރަކުން މަރުވެފައިވާ ކަމަށް ބުނެ، އޭނާ މަސައްކަތް ކުރި ކުންފުނި، މާލާ ހައި ރައިޒިން ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ކޯޓުގައި އުފުލި ދައުވާއާއެކު، އެދިފައިވާ ވަގުތީ އަމުރަށް ގޮތެއް ނިންމަވަމުން ގާޒީ މަރިޔަމް ނިހާޔަތު މިއަދު ވިދާޅުވީ ވަގުތީ އަމުރުގައި އެދިފައިވާގޮތާއި ދައުވާގައިވާ އެދިފައިވާ ކަންތައްތަކުން ގަޒިއްޔާގެ ފައިސަލާކުރަނިވި ނިންމުމެއް ނިންމުގައި ނަތީޖާއަށް އަސަރުކޮށްފާނެތީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

"އެއީ ބަލަމުންދާ ގަޒިއްޔާގެ ފައިސާލާކުރަނިވި ނިންމުމެއް ނިންމުމާއި އެފަދަ ކަމެއްކަމުގައި ވެގެންދާނެ ކަމަށްޓަކައި، އަދި މާލާ ހައިރައިޒިން ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންކޮށްފައިވާ ދައުވާ މާލާ ހައިރައިޒިން ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާގޮތަށް ނިމުނުނަމަ، ނިކުންނާނެ ނަތީއްޖާއަށް ވާސިލުވާ ވަގުތީ އަމުރެއް ކަމުގައިވާތީ، އެދިފައިވާ ފަދައިން ވަގުތީ އަމުރެއް ނެރެވޭނެތަނެއް ނެތް ކަމުގައި ކަނޑައަޅައިފީމެވެ."

ފުލުހުންގެ ފަރާތުން ދައުލަތުގެ ވަކީލާ ވިދާޅުވީ ބިދޭސީއަކު މަރުވެއްޖެނަމަ އެ މީހަކު އާންމުކޮށް ވަޅުލަނީ އޭނާ ނިސްބަތްވާ ގައުމެއްގެ ހައި ކޮމިޝަނުގެ ހުއްދައާއެކު ކަމަށެވެ. އެ އުސޫލުގެ މަތިން ހައި ކޮމިޝަނުން ހުއްދަ ނުދިނުމުން އޭނާ ވަޅުނުލައި ފުލުހުން މަޑުކުރަން ނިންމީ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ރައްދުގައި މާލާ ހައިރައިޒިންގެ ވަކީލު ޝަހީމް އަހުމަދު ވިދާޅުވީ މައްޔިތާ ވަޅުލުމުގެ ހުއްދަ ފުލުހުންނަށް ނުދީ ހިފަހައްޓާފައި ވަނީ ހައި ކޮމިޝަނުން ނާޖާއިޒް ފައިދާތަކެއް ނަގަން ކަމަށެވެ.
އޭނާ އަދި ވިދާޅުވީ މުނީރުގެ އާއިލާއަށް ގުޅުމުން ދައްކާ ވާހަކަތަކާއި ހައި ކޮމިޝަނުން އާއިލާއާ ހަވާލާދީ ބުނާ އެއްޗަކާ ދިމާނުވާ ކަމަށެވެ.

އެ ގޮތުން ހައި ކޮމިޝަނުން އާއިލާއާ ހަވާލާދީ 1500 ޑޮލަރު ބޭނުންވާ ކަމަށް ފުރަތަމަ ބުނި ކަމަށާއި އަދި އެ ފައިސާ ދޭން އެއްބަސްވުމުން 3000 ޑޮލަރު ދިނުމަށް އާއިލާއިން އެދެމުންދާ ކަމަށް ހައި ކޮމިޝަނުން ބުނެފައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އަދި ހައިކޮމިޝަނުން އެންމެފަހުން ބުނީ މައްޔިތާގެ އާއިލާގެ ކުއްޖަކު "ޝާދީކުރަން" )ކައިވެނިކުރަން( 4000 ޑޮލަރު ބޭނުންވާ ކަމަށެވެ.

ނަމަވެސް މައްޔިތާގެ އާއިލާއާ ގުޅުމުން އެއީ ދޮގެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ މާދަމާ މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށެވެ.

މިވަގުތު މުނީރުގެ ހަށިގަނޑު އޮތީ ގަލޮޅު ސަހަރާގައި ހުންނަ ގަބުރު ރައްކާކުރާ ކޮށާރުގަ އެވެ. އެތާނގައި މައްޔިތަކު ބޭއްބުމަށް ދުވާލަކ 1300ރ. ހަރަދުވާ ކަމަށް މާލާ ހައިރައިޒިން އިން ބުނެ އެވެ.