ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ، ރިއާސީ ކޮމިޝަނުގެ މެންބަރުކަމުން އަލްއުސްތާޒު އިދުހާމް މުއިއްޒު އަދުނާން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


ސަންއެފްއެމަށް މަޢުލޫމާތު ދެއްވަމުން އިދުހާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެ ކޮމިޝަން އުފެއްދެވީ މިނިވަން މުސްތަގިއްލު ގޮތެއްގައި ހިޔާނާތުގެ މައްސަލަތައް ބެއްލެވުމަށްކަމުގައި ވިދާޅުވެފައި ކަމަށެވެ. ނަމަވެސް ވަކި ބައެއްގެ މައްސަލަތައް ބަލަން، ވަކި ބައެއްގެ މައްސަލަތައް ހާމަކުރުމަށް އެ ކޮމިޝަނަށް ބާރުފޯރުވައި ސިޔާސީ ނުފޫޒު ބޭނުންކުރަން ފެށުމުން ކޮމިޝަނުން އިސްތިއުފާދެއްވީ ކަމަށް ވެސް އިދުހާމް ވިދާޅުވި އެވެ.


އިދުހާމް އަދި ވިދާޅުވީ، އެ ކޮމިޝަނުން މިއަދު ބޭއްވުމަށް އޮތް ނިއުސް ކޮންފަރެންސެއްގައި މުހިއްމު މައުލޫމާތުތަކެއް ރައްޔިތުންނަށް ހާމަކުރަން ހަމަޖެހިފައިވީ ނަމަވެސް އެކަމަށް ވެސް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ހާމަކުރެވެން ނެތް ކަމަށް ވެސް އިދުހާމް ވިދާޅުވި އެވެ.


މީޑީޔާގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރިއާސީ ކޮމިޝަންގެ މެމްބަރުކަމުން އިދުހާމް އިސްތިއުފާ ދެއްވީ މިފްކޯގެ ކުރީގެ ޗެއާމަން އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ގއ. މެމްބަރު އަބްދުﷲ ޖާބިރާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި މައްސަލައެއްގެ މައުލޫމާތު އާންމުނުކުރުމަށް ރައީސް އޮފީހުން އެންގުމާ ގުޅިގެންނެވެ. އަދި މި މައްސަލަ ހާމަނުކުރުމަށް ކޮމިޝަނަށް އަންގާފައިވަނީ ޖާބިރު އެމްޑީޕީއަށް ސޮއިކުރުމުންކަމަށް ވެސް ބައެއް މީޑިޔާތަކުން ބުނެ އެވެ. ނަމަވެސް ޖާބިރާ ގުޅިފައިނުވާތީ މި މައްސަލައިގައި ޖާބިރުގެ ބައެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.