އިންގިރޭސި ޕްރިމިއަ ލީގުގައި ރޭ ނިއުކާސްލްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލިވަޕޫލް ތާވަލްގެ ފަސްވަނައަށް ޖެހިލައިފިއެވެ.

ރޭގެ ކާމިޔާބީ އާއެކު ލިވަޕޫލް މިހާރު ވަނީ މުބާރާތުގައި މުޅިއެކު 57 ޕޮއިންޓް ހޯދާފައެވެ. ނަމަވެސް ސައުތޭމްޕްޓަން އޮތީ އެ ޓީމަށް ވުރެ އެއް ޕޮއިންޓް މަދުން ތާވަލްގެ ހަ ވަނައިގައެވެ. އަދި މެންޗެސްޓާ ސިޓީ 61 ޕޮއިންޓާއެކު އެކު ތާވްލްގެ ހަތަރު ވަނައިގައި އޮތްއިރު، އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް 66 ޕޮއިންޓް އަދި 65 ޕޮއިންތާއެކު ދަނީ ތާވަގެ ތިންވަނައާ ދެވަނަ ހިފައްޓަމުންނެވެ.

ރޭގެ މެޗުގައި ލިވަޕޫލަށް އެ ޓީމްގެ ފުރަތަމަ ލަނޑު މެޗު ފެށުނުތާ ނުވަ މިނެޓުތެރޭ ކާމިޔާބު ކޮށްދިނީ އެ ޓީމްގެ 20 އަހަރުގެ ފޯވާޑް ރަހީމް ސްޓަރލިންގް އެވެ. އަދި މެޗު ނިމެން 20 މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމަށް ލިބުނު ކޯނަރަކުން ޖޯ އެލެން ކާމިޔާބު ކުރި ލަނޑާއެކު ލިވަޕޫލް ވަނީ މެޗުގެ ތިން ޕޮއިންޓް ކަށަވަރު ކޮށްފައެވެ.

ރޭ ލިވަޕޫލް އާއި ނިއުކާސްލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ލިވަޕޫލް ދެ ލަނޑުގެ ލީޑެއް ނެގުމުން ނިއުކާސްލް ނަތީޖާ ހަމަހަމަ ކުރަން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ލިވަޕޫލް ކުޅެމުން ދިޔަ އެޓޭކިންގް ގޭމްގެ ސަބަބަން އެ ޓީމަށް ރަނގަޅު ހަމަލާއެއް އުފައްދަން މާ ރަނގަޅު ފުރުސަތެއް ލިބިފައި ނުވާއިރު، ނިއުކާސްލްއަށް އިތުރަށް ދަތިވެގެން ދިޔައީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމްގެ މިޑްފީލްޑަރު މޫސާ ސިސޯކޯއަށް ދެ ރީނދުލާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފުރަތަމަ ހާފްގައި އުފެއްދީ ނިއުކާސްލް އެވެ. ނަމަވެސް އެ ހަމަލާގައި ނިއުކާސްލްގެ ކަބެއްލާ އުފެއްދި ޝޮޓު ޑިފެންޑަރެއްގެ ފައިގާ ޖެހުމަށްފަހު ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. ލިވަޕޫލަށް މެޗުގައި ހަމަޖެހިލެވުނީ ނުވަވަނަ މިނެޓުގައި ސްޓަރލިންގް ކާމިޔާބު ކުރި ލަނޑާއެކު އެ ޓީމަށް ލީޑު ލިބުމުންނެވެ.

ރޭ ލިވަޕޫލް އާއި ނިއުކާސްލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ލީޑު ނެގުމަށް ފަހު ލިވަޕޫލްގެ މޮރީނޯ އާއި ކޫޓީނިއޯއަށް ވަނީ ލީޑު އިތުރަށް ފުޅާ ކޮށްލަން ރަނގަޅު ދެ ފުރުސަތު ލިބި، އެ ފުރުސަތުތަކުގެ ބޭނުން ނުހިފިފައެވެ. އަދި ފުރަތަމަ ހާފްގެ ބޮޑު ބައި ކޮންޓްރޯލް ކުރަމުން ދިޔަ ލިވަޕޫލްގެ ސްޓަރލިންގް އާއި ކޫޓީނިއޯ ވަނީ ނިއުކާސްލްގެ ޑިފެންސަށް ކުރަމުން ދިޔަ ޕްރެޝަރު ދަމަހަޓައި، ދެވަނަ ލަނޑެއް ކާމިޔާބު ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ.

ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު ނިއުކާސްލް ކުޅުން ރަނގަޅު ކުރި ނަމަވެސް އެ ޓީމުން އުފެއްދި ނުރައްކާތެރި ދެ ހަމަލާގެ ހުރަހަކަށް ވީ ލިވަޕޫލްގެ ކީޕަރު މިގްނޮލެޓް އެވެ. އަދި ދެވަނަ ހާފްވެސް ރަނގަޅު ފޯމެއްގައި ފަށައި، ދެ ތިން ރަނގަޅު ހަމަލާއެއް ނިއުކާސްލް އުފެއްދިއިރު، ލިވަޕޫލް ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ އޮއިވަރު އަނެއްކާވެސް އެ ޓީމްގެ އަތްދަށަށް ގެންގޮސްފައެވެ.

ދެވަނަ ހާފްގެ މެދުތެރެއިން ލިވަޕޫލްގެ ކޫޓީނިއޯ އާއި ސްޓަރލިންގަށް ވަނީ ލީޑު ފުޅާ ކޮށްލަން ރަނުގެ ދެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައި ނުވާއިރު، ނަތީޖާ އެއްވަރުކުރަން ނިއުކާސްލްގެ އަޔޯޒާ އަށް ލިބުނު ފުރުސަތުގެ ބޭނުންވެސް އޭނައަށް ހިފޭ ގޮތެއް ނުވިއެވެ. މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގުމަށް ފަހު، ޑިފެންސަށް އިސްކަން ދިން ލިވަޕޫލް ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ފުރިހަމަ ވަގުތު ހަމަވަންދެން އެ ލީޑު ހިފައްޓާފައެވެ.