އައިޖީއެމްއެޗް ކަރީގައި ހުއްޓައި މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅަށް ހަމަލާދީ މަރާލި މައްސަލައިގެ ތުހުމަތަށް އިތުރު މީހަކު ހޯދަން ފޮޓޯ އާންމުކޮށްފިއެވެ.

އެމައްސަލައާ ގުޅިގެން ހޯދަން އިއުލާންކޮށްފައިވަނީ ދަފްތަރު، އިސްހާގު ނާދިރު 18، އެވެ. އިސްހާގުގެ އިތުރުން އެ މައްސަލައާ ގުޅިގެން ޏ. ފުވައްމުލަށް ހޯދަޑު، ނޯވެލް، މުހައްމަދު ޝަމްލު 18، ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

އެ ދެމީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަންލަސްނުކޮށް ފުލުހުންނާއި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ނޫރުގެ މަރާ ގުޅިގެން ހޯދަމުންދިޔަ ޏ. ފުވައްމުލައް ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހު، 19، ވަނީ އަމިއްލައަށް އިއްޔެ ފުލުހުންނާއި ހަވާލު ވެފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު ނޫރަށް ހަމަލާދިނުމުން، އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް އޭނާ މަރުވީ އެ ރޭ މެންދަމު 3:30 ހާއިރު އެވެ.

ނޫރުގެ އާއިލާއިން "ސަން"އަށް ބުނީ އޭނާ މަރާލީ ޗާނދަނީމަގު ޔޫރޯ ސްޓޯރު ކައިރިން ޒުވާނަކަށް ހަމަލާދީ ޒަހަމްކޮލުމުން އެ ޒުވާނާ ގޮވައިގެން އައިޖީއެމްއެޗަށް ގޮސް ހުއްޓައި ކަމަށެވެ.

އާއިލާއިން ބުނީ އެ ރޭ 11:45 އެހާކަންހާއިރު ޔޫރޯ ސްޓޯރު ކައިރިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން ނޫރު އާއި އިތުރު ބަޔަކު އެ މީހާ ގޮވައިގެން އައިޖީއެމްއެޗަށް ދިޔަ ކަމަށެވެ.

ޒަޚަމްވި މީހާ އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު އެ ހޮސްޕިޓަލްގެ އިމަޖެންސީ ގޭޓު ކުރިމަތީގައި ނޫރު އާއި އިތުރު ބަޔަކު ތިއްބައި ސައިކަލުން ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ ނޫރުގެ ކަރަށާއި އަރިކައްޓަށް ވަޅި ހެރި ކަމަށް އާއިލާއިން ބުނެ އެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ހަޅޭލައްވައި އަޑުގަދަ ކުރަން ފެށުމުން އައިޖީއެމްއެޗުގެ "ޖަގަހަ ތެރޭގައި" ތިބި ސެކިއުރިޓީ ބަލަހައްޓާ މީހުން ނުކުތްއިރު ހަމަލާދިން ވަޅި އެއްލާލުމަށްފަހު އެމީހުން ފިލާފައިވާ ކަމަށް ވެސް ނޫރުގެ އާއިލާ އިން ވާހަކަދެއްކި މީހާ ބުންޏެވެ.