ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ކެންސަލް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކެންސަލްކޮށްފައި ވާއިރު، އިއްޔެގެ މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއް މިއަދު ކެންސަލްކޮށްފައި ވާއިރު މިކަމާ ގުޅިގެން މަޖިލީހުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މަޖިލީހުގެ ގަވާއިދުގެ 17 ވަނަ މާއްދާގައި ބުނެފައި ވަނީ އަހަރު ތެރޭގައި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮންމެ ދުވަހަކު މަޖިލިސް ބައްދަލުވާނެ ދުވަސްތަކުގެ ކަލަންޑަރެއް އެ އަހަރަކަށް މަޖިލިސް ހުޅުވައިދޭ ޖަލްސާ އޮންނަ ދުވަހު މަޖިލީހުގެ އަމީން އާންމު ޝާއިއުކުރަންވާނެ ކަމަށެވެ.

މިއީ މަޖިލީހުގެ ޖަލްސާއެއް މިއަހަރުގެ މި ދައުރުގައި ނުބާއްވާ ކެންސަލްކުރި ތިން ވަނަ ދުވަހެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފެށިގެން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އަންނަނީ މަޖިލިސް ތެރޭގައި އިހުތިޖާޖު ކުރަމުން ނެވެ.