ބޮން (އެޕްރީލް 14): ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ޖަރުމަނާއި ޔުކްރޭނާއި ފަރަންސޭސިވިލާތާ އަދި ރަޝިއާގެ ޚާރިޖީ ވަޒީރުން ބޮންގައި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ޖަރުމަނުގެ ޚާރިޖީ ވަޒީރު ފްރަންކް ވޯލްޓަރ ޗެއިންމާރު ވިދާޅުވީ، ޔުކްރޭންގެ ދާޚިލީ ހަނގުރާމަ ހުއްޓުވުމާމެދު ޔުކްރޭނާއި ރަޝިއާގެ ޚިޔާލު ވަރަށް ބޮޑަށް ތަފާތުކަން މިމަޝްވަރާތަކުން ހާމަވެގެން ހިނގައްޖެކަމުގައެވެ. ނަމަވެސް ޔުކްރޭންގެ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެގައުމުގެ އިރުމަތީ ސަރަހައްދުތަކުން ބަރު ހަތިޔާރު ބޭލުމަށް ހަތަރު ގައުމުގެ ޚާރިޖީ ވަޒީރުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ޗެއިންމާރު ވިދާޅުވިއެވެ.

ޔުކްރޭންގެ ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ހަނގުރާމަ ހިނގަމުންދަނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައެވެ. އެއީ ސަރަހައްދީ ރޮނގުގެ ގޮތުން ރަޝިޔާއާ ގުޅިފައިވާ ހިސާބެކެވެ. ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވޭނެ ގޮތްތަކާބެހޭގޮތުން މިހަތަރު ގައުމުން ކުރިން ނިންމާފައިވާ އެތަށް ނިންމުންތަކަށްވެސް އަމަލީ ސިފަ އައިސްފައެއް ނުވެއެވެ.

ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގައި ރަޝިއާައިން ޔުކްރޭންގެ އިދިކޮޅު ފަރާތްތަކަށް އެހީވާ ކަމުގެ ތުހުމަތު ޔުކްރޭނުން ރަޝިއާގެ މައްޗަށްކުރާއިރު ރަޝިއާއިން މިތުހުމަތު ތަކަށް އިންކާރު ކުރެއެވެ.

ޔުކްރޭންގެ ސިފައިންވަނީ އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ކާމިޔާބު ހޯދުމުގައި ނުކުޅެދިފައެވެ. މީގެއިތުރުން ހަނގުރާމައިގެ ސަބަބުން ޔުކްރޭންގެ އިގްތިސާދުވެސްވަނީ އަޑިއަޅާލާފައެވެ. (ރޮއިޓާސް)