އަސްކަރީ ކޯޓެއްގައި ވެސް ފުރުސަތު ނުލިބޭ މިންވަރަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދިފާއުވުމަށް ފުރުސަތު ލިބުނު ކަމަށް އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ޒިޔާދުގެ އެއްވެސް ދައުރެއް ނެތް ކަމަށް ހުކުމް އިއްވުމާ އެކު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޒިޔާދު ވިދާޅުވީ، ޝަރީއަތް ކުރިއަށްދިޔަ ގޮތާ މެދު އޭނާ އުފާކުރައްވާ ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަސްކަރީ ކޯޓެއްގައި ވެސް މި މައްސަލަ ހިނގިނަމަ ލިބޭނެހާ ފުރުސަތު، ނޫނީ އެއަށްވުރެވެސް ރަނގަޅަށް ކްރިމިނަލް ކޯޓުން ފުރުސަތުދެއްވި،" ޒިޔާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިފާއުގައި ޝަރީއަތަށް ހުށަހަޅަން ބޭނުންވި ހުރިކާ ކަމެއް ހުށަހެޅުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ކޭސްގަ، އާދައިގެ ކޭސްއަކަށްވުރެ ބޮޑަށް، ސިފައިންގެ ތެރޭގައި އަސްކަރިއްޔާ ހިނގާ ނިޒާމް އެ ވަރަށް ބޮޑަށް އަސްލު ޕްރެޒެންޓު ކުރަން ޖެހުނު. މިލިޓަރީ ކޯޓެއްގައެއް ނޫން. އެހެންނަމަވެސް އިއްޒަތްތެރި ފަނޑިޔާރުން ފުރުސަތު ދިން މުޅި އަސްކަރިއްޔާ ހިނގާ މެކޭނިޒަމް އަޅުގަނޑުމެންގެ ދިފާއުގައި ޝަރީއަތުގެ މަޖިލީހަށް ހުށަހަޅަން. އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާއެއް ހެން އަޅުގަނޑުމެންނަށް ދިފާއުގައި ވާހަކަދައްކަން ފުރުސަތުތަކާ އެއްޗިހި ލިބި، އެހާ ރަނގަޅަށް ނިމިގެން ދިޔައީ،" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދުގެ ގާނޫނީ ވަކީލު މަޒުލާން ރަޝީދު ވިދާޅުވީ، އެ މައްސަލައިގައި "ތިލަވެގެންދިޔަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް" ޒިޔާދުގެ މައްސަލަ އިސްތިއުނާފުކުރުމުގެ މާނައެއް އޮތް ކަމަށް ގަބޫލުނުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ދިފާއު ބިނާކުރުމަށްޓަކައި ހެކި ހުށަހެޅުމަށާއި، މައްސަލައަށް ތައްޔާރުވުމަށް އިތުރު ފުރުސަތަކަށް އެދުމުން ކޯޓުން ފުރުސަތުދީފައިވާ ކަމަށާއި އެ މައްސަލައިގެ ހުރިހާ ކަމެއް ވެސް ވަނީ ފުރިހަމަވެފައި ކަމަށެވެ.

ކާނަލް ޒިޔާދުގެ ގާނޫނީ ވަކީލު މަޒުލާން ރަޝީދު ސަން އަށް އިންޓަވިއުދެއްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު

"މައްސަލައިގެ ތެރޭގައި އެއްވެސް ކަމެއް ފުރިހަމަނުވެޔޭ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ދަންނަވާކަށް ނެތިން. އެއީ އެކަންކަން ފުރިހަމަވެފައިވާތީވެ. އެހެންވީމަ ވަރަށް އިންސާފުވެރިކޮށް ގެންދަންވާ ޕްރޮސީޖާއާ އެކު ގެންދެވިފައިވާކަން އަޅުގަނޑުމެން ފާހަގަކުރަން،" މަޒުލާން ވިދާޅުވިއެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ދައުވާ ކުރި ބޭފުޅުންގެ ތެރެއިން ޒިޔާދުގެ އިތުރުން މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް އިއްވާފައެވެ.