14 Apr 2015, 10:04
މޮސްކޯ (އެޕްރީލް 14): ރަޝިއާގައި އުފައްދާ އެސް 300 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމް އީރާނަށް ވިއްކުމަށް ރަޝިއާ ނިންމުމުން އެމެރިކާއާއި އިސްރާއީލު ރުޅިގަދަ ވެއްޖެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އާއި ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ، ރަޝިއާގެ މިނިންމުމަކީ އެމެރިކާ ކަންބޮޑުވާ ކަމެއްކަމުގައެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ މިބާވަތުގެ މަތީންފެންވަރުގެ ހަތިޔާރު އީރާނަށް ލިބެން އެމެރިކާ ނޭދޭ ކަމުގައެވެ. އަނެއްކޮޅުން އިސްރާއީލުގެ ޖާސޫސީ ކަންތައްތަކާބެހޭ ވަޒީރު ޔުވާލް ޝްޓައިނަޓްސް ވިދާޅުވީ، މިއީ ނިއުކްލިއަ މައްސަލައިގައި ދުނިޔޭގެ ބާރުތައް އީރާނާއެކު ވި އެއްބަސްވުމުގެ ނަތީޖާ ކަމަށާއި މުސްތަގްބަލްގައި އީރާނަށް މިއަށްވުރެ މާމޮޅު ހަތިޔާރު ވެސް ލިބޭނެ ކަމުގައެވެ.
އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއެކު އީރާނުގެ އިގްތިސާދު ރަނގަޅުވެ އެގައުމަށް ލިބޭ މުއްސަނދިކަން ބޭނުންކުރާނީ ހަތިޔާރުގެ ގޮތުން އިސްރާއީލުގެ މައްޗަށް ގަދަވެ ގަތުމަށް ކަމަށާ މިއީ އިސްރާއީލުގެ ރަހްމަތްތެރި ހުޅަނގުގެ ގައުމުތައް ވިސްނަންޖެހޭނެ ކަމެއްކަމަށްވެސް ޝްޓައިނަޓްސް ވިދާޅުވިއެވެ.
ރަޝިއާގެ މިނިންމުން ދިފާއު ކުރައްވައި އެގައުމުގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވަނީ ވާހަކަ ދައްކަވާފައެވެ. ލާވްރޯވް ވިދާޅުވީ، މިސައިލް އައްޑަނައިގެ މި ނިޒާމަކީ ހަމަލާދިނުމުގެ ނިޒާމެއް ނޫންކަމަށާ އެއީ ހަމައެކަނި ދިފާއީ ނިޒާމެއްކަމުގައެވެ. އެހެންކަމުން މިނިޒާމު އީރާނަށް ވިއްކުމުން އެއްވެސް ގައުމެއް ކަންބޮޑުވާންނުޖެހޭ ކަމަށް ލާވްރޯވް ވިދާޅުވިއެވެ.
މީގެއިތުރުން ހަތިޔާރު ވިއްކައިގެން އާމްދަނީ ހޯދުމަކީ ވަކިގައުމަކަށް ޚާއްސަ ކަމެއްނޫންކަމަށާއި ރަޝިއާ އެކަން ކުރުމުން އެހެންގައުމުތައް ކަންބޮޑުވާން ނުޖެހޭކަމަށްވެސް ލާވްރޯވް ވިދާޅުވިއެވެ. އަދި މިނިޒާމް އީރާނަށް ވިއްކުމަށް ރަޝިއާ ނިންމީ އީރާނުގެ ނިއުކްލިއަ މައްސަލަ ސުލްޙަވެރިގޮތުގައި ޙައްލުކުރުމަށް އީރާނުން ދީފައިވާ އެއްބާރުލުމާއި ދޫދިނުންތަކާ ގުޅިގެން ކަމަށާއި އީރާނުގެ ދޫދިނުންތަކުގެ ސަބަބުން އެގައުމުގެ ނިއުކްލިއަ މައްސަލަ ޙައްލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމަކަށް އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް އައިސްފައިވާކަންވެސް ލާވްރޯވް ފާހަގަ ކުރެއްވިއެވެ.
ރަޝިއާގައި އުފައްދާ އެސް 300 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމަކީ ކްރޫޒް މިސައިލާއި ބެލަސްޓިކް މިސައިލަށް ހުރަސްއަޅައި އެފަދަ މިސައިލް އަމާޒަށް ވާސިލް ވުމުގެކުރިން އެމިސައިލެއް ވައްޓާލުމުގެ ގާބިލްކަން ލިބިފައިވާ ވަރަށް މަތީފެންވަރުގެ ޓެކްނޮލޮޖީގައި އުފައްދާފައިވާ ނިޒާމެކެވެ. މިއީ އީރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް އެމެރިކާ ނުވަތަ އިސްރާއީލުން ދީފާނެ ޙަމަލާތަކަކުން އެތަންތަން ސަލާމަތް ކުރުމަށްޓަކައި ދެހާސް ނުވަވަނަ އަހަރުން ފެށިގެން ގަތުމަށް އީރާނުން މަސައްކަތް ކުރަމުން ގެންދިޔަ ނިޒާމެކެވެ. ނަމަވެސް އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ދެހާސް ދިހަވަނަ އަހަރު ރަޝިއާގެ އޭރުގެ ރައީސް ޑިމިޓްރީ މިޑްވެޑޭވް ވަނީ އެސް 300 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު އީރާނަށް ވިއްކުން މަނާކުރެއްވުމުގެ ރިޔާސީ އަމުރެއް ނެރުއްވާފައެވެ.
މިނިޒާމް އަލުން އީރާނަށް ވިއްކުމަށް ރަޝިއާއިން އިއްޔެ ނިންމައި އެކަންވަނީ އިޢްލާންވެސް ކޮށްފައެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސް 300 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު އީރާނަށް ވިއްކުން މަނާކުރާ ގަރާރު ބާތިލްކޮށް އެނިޒާމު އީރާނަށް ވިއްކުން ހުއްދަކުރާ ގަރާރެއްގައި ރައީސް ވްލަޑިމޭރު ޕޫޓިން ސޮއިކުރައްވާފައިވާ ކަމުގައެވެ.
ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ރަޝިއާގެ ނިންމުން ދެން ބަދަލުނުކުރާނެ ކަމަށާއި ކައިރި މުސްތަގްބަލެއްގައި މިނިޒާމު އީރާނަށް ފޯރުކޮށްދޭނެ ކަމުގައެވެ.
ރަޝިއާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ޕޫޓިން ވަނީ އެސް 300 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ރާޑަރުތަކާއި ބެޓްރީތައް ރަޝިއާގެ އަސްކަރީ ކާގޯ ބޯޓުތަކުގައި ގެންގޮސް އީރާނަށް ފޯރުކޮށްދިނުމަށްވެސް އަމުރު ކުރައްވާފައެވެ. ޕޫޓިން މިގޮތަށް ނިންމެވީ އިސްރާއީލު ނޫނީ އެމެރިކާ ފަދަ ގައުމަކުން މިކަމަށް ހުރަސްއަޅާފާނެކަމުގެ ބިރުއޮތުމުން ކަމަށާއި ރަޝިއާގެ ބޯޓުތަކުގައި މިތަކެތި އުފުލުމުން މިޝިޕްމަންޓަށް ހުރަސްއަޅަން ކެރޭނެ އެއްވެސް ގައުމެއް ދުނިޔޭގައި ނޯންނާނެ ކަމަށް ރަޝިއާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
އެސް 300 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމް އީރާނަށް ވިއްކުމަށް ޕޫޓިން ނިންމެވީ ޔުކްރޭންގެ މައްސަލާގައި އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަދަލުހިފުމުގެ ރޫހެއްގައި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)