14 Apr 2015, 00:06
ދުނިޔޭގެ ސިއްހަތު ދުވަހު ސަރުކާރުން ދޭ ސިއްހީ ހިދުމަތުގެ އެވޯޑް އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަށް ލިބިއްޖެ އެވެ.
ސިއްހީ ދާއިރާ އިން ދޭ ތިން އެވޯޑްގެ ތެރެއިން ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތް ކުރާ ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށް ދޭ އެވޯޑް ލިބުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި އަތޮޅު ތެރޭގައި އެންމެ ރަނގަޅު ހިދުމަތެއް ދިން ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށް ދޭ އެވޯޑް ލިބުނީ ބ. އަތޮޅު ހޮސްޕިޓަލަށެވެ. ޝީއަށް އަށް ލިބުނީ ސިއްހީ ދާއިރާއިން އެންމެ ރަނގަޅު ހިދުމަތެއް ކުރި އާއްމު ފަރާތަށް ލިބޭ އެވޯޑެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވި ޖަލްސާގައި އެވޯޑްތައް ހަވާލުކޮށްދެއްވީ އެ ޖަލްސާގެ ޝަރަފްވެރި މެހުމާންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.