ސަރުކާރުން ތަރައްގީ ކުރަން އުޅޭ ވިޔަފާރި ބަނދަރުގެ މަސައްކަތާއި އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން ރާއްޖޭގައި ކާބޯތަކެތީގެ އަގު ހެޔޮވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ވިޔަފާރި ބަނދަރު ނިމޭ އިރު އެތަނުގައި ކާބޯތަކެތި ޕްރޮސެސް ކުރުމާއި ރަނގަޅު ފެންވަރެއްގައި ގުދަން ކުރުމުގެ މަސައްކަތް ހުންނާނެ ކަމަށެވެ. އެއާޕޯޓް ވެސް ތަރައްގީ ކުރަނީ އެ ހިދުމަތްތަކާއި އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"..އެ ފެންވަރަކަށް އަޅުގަނޑުމެންގެ ގާތުގައި ބަނދަރުތަކެއް އަދި ހަމަ ގައިމުވެސް ނެތް. އަޅުގަނޑުމެންގެ ކޮމްޕެޓިޓަރުންގެ އެފެންވަރުގެ ބަނދަރުތަކެއް އަދިއެއް ހަމަ ގައިމުވެސް ނެތް. އެހެންވީމާ މިފަދަ ބަނދަރެއް ހެދޭ އިރުގައި، ދިވެހިރާއްޖެއަށް 90 ޕަސެންޓަށް ވުރެ ގިނަ އަދަދެއް ކޮންޒިއުމް ކުރާ ކާބޯތަކެތީގެ ތެރެއިން އެތެރެ ކުރެވޭ އިރުގައި މިފެންވަރުގެ ބަނދަރެއްގެ ތެރެއިން ރަނގަޅަށް ޕްރޮސެސްކޮށްގެން، ރަނގަޅަށް ސްޓޯ ކުރެވިގެން ދިޔައިމާ ދެތިން ކަމެއް އެބަވޭ. އެއް ކަމަކީ ކާބޯތަކެތީގެ އަގު އެބަ ހެޔޮވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ކާބޯތަތީގެ އަގު ހެޔޮވުމުގެ އިތުރުން، ރާއްޖެއަށް އެތެރެވާ ތަކެއްޗަކީ ސިއްހީ ގޮތުން ރައްކާތެރި ތަކެތިކަމުގައި ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބަނދަރު ތަރައްގީ ކުރާނީ އައިއެސްއޯ މިންގަނޑަށް ފެތޭ ޕްރޮސެސިން ޕްލާންޓް ތަކާއި ހެސެޕްސްގެ މިންގަނޑަށް ފެތޭ ގުދަން ކުރުމުގެ ހިދުމަތާއި އެކުގައި ކަމަށެވެ. ސަރުކާރުގެ އެސްއީޒެޑް ބޯޑުން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ އެ ބަނދަރު ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"...ސްޕެޝަލް އިކޮނިމިކް ޒޯންގެ ބޯޑުގައި މެދުކެނޑުމެއް ނެތި މިވަގުތު ކުރެވޭ އެއް މަސައްކަތަކީ ރައީސް ޔާމީނު އިނިޝޭޓް ކުރައްވާފައިވާ ޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް،" ސައީދު ވިދާޅުވިއެވެ.