22 Feb 2011, 17:27
ސަރުކާރުގެ ޕެންޝަން ސްކީމްގައި ރައްޔިތުން މަޖިލީހުގެ މެންބަރުން އަދި ވެސް ބައިވެރިވެފައި ނުވާތީ އެކަމާ މެދު ގޮތެއް ނިންމުމަށް އެ މައްސަލަ ރައްޔިތުން މަޖިލީހަށް ފޮނުވާފައި ވާނެ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ބުނެފި އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސެން މަނިކު މިއަދު ވިދާޅުވީ ޕެންޝަންގެ ގާނޫނުގައިވާ ގޮތަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް ޖެނުއަރީ މަހުގެ ނިޔަލަށް ޕެންޝަން ސްކީމްގައި ބައިވެރިވެ ފައިސާ ޖަމާކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މަޖިލީހުގެ މެންބަރުން ޕެންޝަން ސްކީމްގައި އަދި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޕެންޝަން ސްކީމްގައި އެބޭފުޅުން ބައިވެރި ވާން ޖެހޭ ކަމަށް އެ އޮފީހަށް ފެންނަ ސަބަބުތައް ވެސް މަޖިލީހުގައި ދަންނަވާފައި ވާނެ ކަމަށެވެ.
"މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން[ޕެންޝަން ސްކީމުގައި އެ ބޭފުޅުން] ބައިވެރިނުވާ ވާހަކަ އަންގާފައި އޮތީ. ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން މަޖިލީހުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަކޮށްފައެއް ނުވޭ. އެ ބޭފުޅުން ސްކީމަށް ވައްދަން އަޅުގަނޑުމެން މާނަކުރާ ގޮތުގެ ތަފްސީލު މިހާރު ވާނީ ފޮނުވާފައި،" މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލިސް އަލުން ފެށުމުން އެކަމަށް ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ޖަވާބެއް ނުލިބިއްޖެ ނަމަ ކޯޓުން ބޭރުން އެ މައްސަލަ ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު މިކުރަނީ އަލުން މަޖިލިސް ފެށޭ އިރު އެބޭފުޅުންގެ ކިބައިން ޖަވާބެއް ލިބޭނެ ކަމަށް. އަޅުގަނޑު އުންމީދު މިކުރަނީ މި މައްސަލަ ކޯޓަށް ނުގޮސް ނިމޭނެ ކަމަށް،" މަނިކު ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ އަމީން އާންމު އަހުމަދު މުހަންމަދު މިއަދު ވިދާޅުވީ ޕެންޝަން ސްކީމުގައި ޖެހިގެން އުޅޭ މައްސަލައަކީ މަޖިލީހުގެ މެންބަރުންނަކީ މުވައްޒިފުން ކަމަށް ކަނޑައެޅިދާނެތޯ އުފެދިގެން އުޅޭ ސުވާލު ކަމަށާއި މަޖިލީހުގެ އިދާރާގެ މުވައްޒިފުން މިހާރު ވެސް ޕެންޝަން ސްކީމުގައި ބައިވެރިކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނު ބުނަނީ ވަޒީފާއަދާކުރާ ކޮންމެ މީހެއްގެ މުސާރައިން ހަތް ޕަސެންޓް ޕެންޝަން ސްކީމަށް ކަނޑަން ޖެހޭނެ ކަމަށެވެ. ހަމަ އެ އަދަދު ވަޒީފާދޭ ފަރާތުން ވެސް ޕެންޝަނަށް ދައްކަން ޖެހޭ ކަމަށެވެ.
މި ފައިސާ ލިބޭނީ ކޮންމެ މުވައްޒިފެއްގެ އުމުރުން ވެސް 65 އަހަރު ފުރުމުންނެވެ.