އައިޖީއެމްއެޗް ކަރީގައި ހުއްޓާ މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅަށް ހަމަލާދީ މަރާލި މައްސަލައިގެ ތުހުމަތަށް ހޯދަމުންދިޔަ އެކަކު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ފުލުހުން ބުނީ ފުލުހުންގެ މައި މަރުކަޒަށް ޙާޟިރު، އަމިއްލައަށް ފުލުހުންނާ ހަވާލުވެފައި ވަނީ ޏ. ފުވައްމުލައް ދަނޑިމަގު، ޝައިނީ، މުޙައްމަދު ސަމީޙު، 19، ކަމަށެވެ.

ސަމީހު އަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ޒުވާނެކެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައި ހުއްޓާ އެފަހަރު އޭނާ ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ.

ނޫރު މަރުގެ މައްސަލާގައި ހޯދަމުންދާ ޏ. ފުވައްމުލައް ހޯދަނޑު، ނޯވެލް މުޙައްމަދު ޝަމްލު، 18، އަދިވެސް ނުފެނެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ އެ ޒުވާނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން އަންގައިދިނުމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު ނޫރަށް ހަމަލާދިނުމުން، އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް އޭނާ މަރުވީ އެ ރޭ މެންދަމު 3:30 ހާއިރު އެވެ.

ނޫރުގެ އާއިލާއިން "ސަން"އަށް ބުނީ އޭނާ މަރާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ޗާންދަނީމަގު ޔޫރޯ ސްޓޯރު ކައިރިން ޒުވާނަށް ހަމަލާދީ ޒަހަމްކޮލުމުން އެ ޒުވާނާ ގޮވައިގެން އައިޖީއެމްއެޗަށް ގޮސް ހުއްޓާ ކަމަށެވެ.

އާއިލާއިން ބުނީ މިދިޔަ އެ ރޭ 11:45 އެހާކަންހާއިރު ޔޫރޯ ސްޓޯރު ކައިރިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން ނޫރު އާއި އިތުރު ބަޔަކު އެ މީހާ ގޮވައިގެން އައިޖީއެމްއެޗަށް ދިޔަ ކަމަށެވެ.

ޒަޚަމްވި މީހާ އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު އެ ހޮސްޕިޓަލްގެ އިމަޖެންސީ ގޭޓު ކުރިމަތީގައި ނޫރު އާއި އިތުރު ބަޔަކު ތިއްބައި ސައިކަލުން ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ ނޫރުގެ ކަރަށާއި އަރިކައްޓަށް ވަޅި ހެރި ކަމަށް އާއިލާއިން ބުނެ އެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ހަޅޭލައްވައި އަޑުގަދަ ކުރަން ފެށުމުން އައިޖީއެމްއެޗުގެ "ޖަގަހަ ތެރޭގައި" ތިބި ސެކިއުރިޓީ ބަލަހައްޓާ މީހުން ނުކުތްއިރު ހަމަލާދިން ވަޅި އެއްލާލުމަށްފަހު އެމީހުން ފިލާފައިވާ ކަމަށް ވެސް ނޫރުގެ އާއިލާ އިން ވާހަކަދެއްކި މީހާ ބުންޏެވެ.