13 Apr 2015, 21:56
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި 13 އަހަރު ދުވަހަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަދަބު ލުއި ކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ކަމަށް ނަޝީދުގެ އޮފީހުން ބުނެފި އެވެ.
ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ހުކުމުގައި ބާކީ މިހާރު އޮތީ 12 އަހަރާ 11 މަސް ކަމަށާއި އެހެން ނަމަވެސް، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގައި ބުނެފައިވާ ޚާއްޞަ ޙާލަތުގެ ދަށުން ރައީސް ނަޝީދުގެ އަދަބު 30 ދުވަހަށް ކުރުކޮށް ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ކަމަށެވެ. އަދި މީގެ ކުރިން ހަމަ އެ ގާނޫނުގެ ދަށުން ކުށްކުށުގެ އަދަބު ތަންފީޛު ކުރަމުންދާ މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުކޮށްފައި ވަނީ ޓެރަރިޒަމްގެ ކުށް ކަމަށާއި އެ ކުށަކީ، މައާފު ދިނުމާ އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުށަށް މަޢާފުކޮށްދެވިގެން ނުވާނެ އަދި އަދަބު ފަސްކޮށްދެވިގެން ނުވާނެ ކުށްކުށުގެ ތެރޭގައި ހިމެނޭ ކުށެކެވެ.
"އެހެން ނަމަވެސް، އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ޚާއްޞަ ހާލަތުގައި، އަދަބު ލުއިކޮށްދިނުމަށްވަނީ ކަނޑައަޅާފައެވެ. އެއީ، އެ ޤާނޫނުގެ 29 ވަނަ މާއްދާގެ އަކުރު (ނ) ގައިވާ ގޮތުގެ މަތިންނެވެ. އެ މާއްދާގައި ބުނެފައިވަނީ ޖިނާއީ ކުށުގެ ޙުކުމް އިއްވާފައިވާ މީހެއްގެ ޢުމުރަށް ބަލައި ނުވަތަ އޭނާ ގައިހުރި ބައްޔަކަށް ބަލައި، ނުވަތަ އޭނާ ހޯދަމުންދާ ފަރުވާއަކަށް ބަލައި، ނުވަތަ އޭނާ ހުރި ވަގުތަށާއި ޙާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގައި އޭނާގެ އަދަބު ލުއިކޮށްދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ." ބަޔާނުގައިވެ އެވެ.
މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގައި "އަދަބު ލުއިކުރުން" ކަމަށް ބުނެފައި ވަނީ އެ މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް، އެއަދަބެއް، އެއަދަބަށްވުރެ ލުއި އަދަބަކަށް ޝަރުޠަކާއެކު ނުވަތަ ޝަރުޠަކާ ނުލައި ނަމަވެސް ބަދަލުކޮށް ދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއްގެ މުއްދަތު ކުރުކޮށްދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް ލުއިކޮށްދިނުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ކަމަށެވެ.