ބޭރު ގައުމުތަކުގެ ހަނގުރާމަތަކުގައި ދިވެހި ޒުވާނުން ބައިވެރިވަނީ އެ ހަނގުރާމަތަކުގެ މަގުސަދު ނޭނގި ކަމަށާއި އެ ޒުވާނުންނަށް ރަނގަޅު މަގު ދައްކަންޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް (އައިއެފްއެމް)އާ އެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހުސައިން ވަހީދު ވިދާޅުވީ މައިންބަފައިންނާ އަނބިދަރިނާ އަދި ޤައުމު ދޫކޮށް، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާ ޒުވާނުންނަށް ރަނގަޅު މަގު އިޚްތިޔާރުކޮށްދިނުމުގައި އައިއެފްއެމަށް ދައުރެއް އަދާ ކުރެވިދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

"މުޖުތަމަޢުގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރުމުގެ ނަމުގައި ބައެއް ޖަމްޢިއްޔާތައް ޙަރަކާތްތެރި ވުމަށް އުފައްދާފައި ވީނަމަވެސް އެފަދަ ބައެއް ޖަމްޢިއްޔާތަކުން ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރާތަން ފެނިގެން ނުދާ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގައި ހިނގާ ސިޔާސީ ކަންކަމުގެ ތެރެއަށްވަދެ މަޞްލަޙަތު ގެއްލޭގޮތަށް އެކިކަހަލަ ބަޔާންތައް ނެރެ، ބައެއްފަހަރު ބޭރު ދުނިޔޭގައި ރާއްޖޭގެ ނަންކިލަނބު ކުރުމަށް އެފަދަ ޖަމްޢިއްޔާތަކުން މަސައްކަތްކުރާތަން ފެނިގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ،" ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ޕޮލިސް މީޑިއާ

ސީޕީ ވިދާޅުވީ އެފަދަ ކަންކަމަކީ ޤައުމަށް ހެޔޮ އެދިގެން ކުރާ ކަންކަން ނޫން ކަމަށާއި ކިތަންމެ މާތް މަޤްޞަދުގައި އެފަދަ ޖަމްޢިއްޔާތައް އުފެއްދި ނަމަވެސް އެ ކަންކަމަކީ މަޤްޞަދު ޙާޞިލްވާގޮތަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

މަސްތުވާތަކެތީގެ ނުރައްކަލުން ޒުވާނުންނާ މުޖުތަމަޢު ސަލާމަތްކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ފަރާތްތަކަށް ފަރުވާދީ މުޖުތަމަޢަށް ނެރެގެން ނޫނީ އެ މީހުންގެ ފަރާތުން މިޤައުމަށް އެންމެ އެދޭފަދަ ފައިދާތަކެއް ނުކުރާނެ ކަމަށް ވެސް ސީޕީ ހުސައިން ވަހީދު ވިދާޅުވި އެވެ. މަދަނީ ޖަމްޢިއްޔާތަކުން ޒުވާނުންގެ މައްސަލަތަކަށް ޙައްލު ހޯދައި ދިނުމަށް ޢަމަލީ ގޮތުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި އިސްލާމިކް ފައުންޑޭޝަންގެ ބޭފުޅުން ވަނީ ޤައުމުގެ ޒުވާނުން ކުށުގެ ވެށިން ދުރުކޮށް މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމައު އާއި ޒުވާނުން ދުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި މިހާރަށްވުރެ ބޮޑު އެހީތެރިކަމެއް ވެދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.