މާލޭގެ ދިރިއުޅޭ މީހުން ކުނި އަޅާނެ ތަނެއް ނެތުމުން އެކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭނީ ރައްޔިތުންނަށް ކަމަށާއި ސަރުކާރުން އެކަމަށް ހައްލެއް ހޯދައި ދެއްވުމަށް ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގައި މި ފަހަކާ ޖެހެންދެން ކުނި އަޅަންމުން ދިޔަ އެއް ނަންބަރު ކުނި ކޮށި ހައުސިން މިނިސްޓްރީ އިން ފުލުހުންނަށް ދީފައި ވުމުން ކުނި އަޅާނެ ޖާގައެއް ނެތް ކަމަށެވެ. އަދި ކުނި ނޭޅި އެންމެ ވަގުތެއްގައި ވެސް ލޮރީއެއް ނުބޭއްވޭނެ ކަމަށާއި އެކަމުގެ ނަތީޖާއަކަށް ވާނީ މާލެ ތެރޭގައި ކުނި ގިނަ ވަސް ދުވުން ވަރަށް ގާތް ވާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

"ރޭގެ ވަގުތެއްގައި ދެން އަޅުގަނޑުމެންނަށް މި އިވުނީ މިކަމުގައި މަސައްކަތް ކުރާ އަޅުގަނޑުމެންގެ ސްޓާފެއް ފުލުހުންގެ ބެއްލެވުމުގެ ދަށަށް ގެންދިޔަ ވާހަކަ. އެއީ ވަރަށް ދެރަ ކަމެއް ސިވިލް ސާވިސްގެ މުވައްޒަފުން ނުވަތަ މިތަނުގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ މުވައްޒަފަކުންނަށް ނޭންގޭނެ ހައުސިން މިނިސްޓްރީ އިން އަމިއްލަފުޅަށް ނިންމަވާ ނިންމެވުންތަކެއް. މާލެ ސިޓީ ކައުންސިލަށް މަޝްވަރާ ކުރުމެއް ނެތި އެހެން ބިންތައް ނަންގަވާފައި އެއްވެސް އެންގުމެއް ނާންގާ ކަމަށް ވަންޏާ މަސައްކަތް ކުރައްވަން ތިއްބަވާ ސިވިލް ސާވިސްގެ މުވައްޒަފުންނަކަށް ނޭންގޭނެ،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން ހައްޔަރު ކުރި ސިޓީ ކައުންސިލްގެ މުވައްޒަފު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލުން ކުނި އަޅާ ބިން ފުލުހުންނަށް ދީފައި ވަނީ ވޮލީ ކޯޓެއް އަޅަން ކަމަށް ވެސް އަޑުތައް ފެތުރޭ ކަމަށާއި އަދި އެ ބިމުގައި ފުލުހުން ޓޯ ކުރާ އުޅަނދުތައް ބަހައްޓަން އުޅޭ ކަމަށް ވެސް އަޑުތައް ފެތުރޭ ކަމަށް ޝަމާއު ވިދާޅުވި އެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ލިޔެކިއުމަކުން އެނގެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން" އަށް ވިދާޅުވީ އެއް ނަންބަރު ކުނި ކޮށްޓަކީ ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ދެ ފަހަރެއްގެ މަތީން ހުސްކޮށްފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން އެ ސަރަހައްދަށް އިތުރަށް ކުނި ނޭޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.