22 Feb 2011, 17:07
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާ ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑުގެ ކުންފުންޏާ ހަވާލުކޮށްފައިވާ ތިލަފުށި ހިއްކުމުގެ މަސައްކަތް ކޮރަޕްޝަނުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ހުއްޓުވި ޚަބަރު ދިޓީވީން ގެނެސްދެމުންދާތީ އެތަނުގެ ސީއޯ އަށާއި ނޫސްވެރިޔަކަށް މޫސަ ގުޅުއްވައި، ބިރުދައްކަވަމުން ގެންދަވާ ކަމަށް ބުނެ، ދި ޓީވީން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
ދި ޓީވީގެ ސީއޯ ޔޫސުފް ނަވާލު ސޮއިކުރައްވައި ޕޮލިސް ކޮމިޝަނާ އަހުމަދު ފަސީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ހެވީ ލޯޑާ ގުޅޭ ގޮތުން ދި ޓީވީން ގެނަސްދީފައިވާ ޚަބަރުތަކާ ގުޅިގެން ދި ޓީވީގެ ނޫސްވެރިއަކަށާއި ދި ޓީވީގެ އިސްވެރިއަކަށް މޫސަ ފޯނުކުރައްވައި، އިންޒާރުދެއްވައިފައިވާ ކަމަށެވެ.
"..ދި ޓީވީން ގެނަސްދީފައިވާ ޚަބަރުތަކާއި ގުޅިގެން ދި ޓީވީގެ ނޫސްވެރިއަކަށާއި ދި ޓީވީގެ އިސްވެރިއަކަށް ފޯނުކޮށް އިންޒާރުދީ ހަޑި ހުތުރުބަހުން މުހާތަބުކޮށް ހަދަމުން އެބަގެންދެ އެވެ،" އެ ސިޓީގައިވެ އެވެ.
ނަވާލު ވިދާޅުވެފައި ވަނީ، މި މަހުގެ 19 ވީ ހޮނިހިރު ދުވަހު 11:39 ގައި އޭނާގެ މޮބައިލް ފޯނަށް ގުޅައިގެން ވަރަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް އިންޒާރުތައްދީ ހަދާފައިވާއިރު، އެ ކޯލްގައި ވާހަކަ ދައްކަވާފައި ވަނީ މޫސާ މަނިކުކަން، އަޑުން ކަށަވަރުވާ ކަމަށެވެ.
"މިފޯންކޯލްގައި ހަޑިހުތުބަހުން މުހާޠަބު ކުރުމުގެ އިތުރުން އޭސީސީން މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމި ނަމަވެސް މަޝްރޫޢުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވެ އެވެ،" ނަވާލު ވިދާޅުވެފައިވެ އެވެ.
އަދި އޭގެފަހުން މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރުގެ 5:23 އެހާކަންހާއިރު ދިޓީވީގެ ނޫސްވެރިޔަކަށް ގުޅުއްވައި އިންޒާރުދެއްވައި ވަރަށް ހަޑިހުތުރު ބަހުން ވަނީ މުހާތަބުކޮށް ހަދާފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"މޫސަގެ ކުންފުންޏާ ބެހޭ ޚަބަރު ކިޔާފައި މަގުމައްޗަށް ނުކުމެ އުޅުމުގައި ސަމާލުވެ އުޅުމަށް" ވެސް އެ ފޯނުކޯލުގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. ނަވާލު ވިދާޅުވި ގޮތުގައި އޭނާ އަށް ގުޅީ 7904495 މި ނަންބަރުންނެވެ. އަދި ނޫސްވެރިޔާއަށް ގުޅީ 7509633 ނަމްބަރު ފޯނުންނެވެ. މި ދެ ނަންބަރަކީ ވެސް ހެވީލޯޑް ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ނަމްބަރު ކަމަށް ނަވާލު ވިދާޅުވި އެވެ.
"މިކަމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި ބަޔަކަށް ބިރުދައަކައި، ހިންގާފައިވާ ވަރަށް ނުރައްކާތެރި އަމަލަކަށް ވާތީ މިމައްސަލަ ބައްލަވައި ދެއްވައި ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅެއް އަޅުއްވައި ދެއްވުމަށް." އެ ސިޓީގައި ނަވާލު އެދިވަޑައިގެންފައިވެ އެވެ.
މޫސައާ ދެކޮޅަށް ދި ޓީވީން ހުށަހެޅި މި މައްސަލައާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް މޫސައަށް ގުޅުމުން ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.