13 Apr 2015, 17:23
ދިވެހި ބަހާއި ބެހޭ މަހާސިންތާއެއް މިއަހަރު އޮކްޓޫބަރު ނުވަތަ ނޮވެމްބާރު ބާއްވާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެ އެވެ.
'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ އެ މަހާސިންތާ ބާއްވާނީ މުޅި ރާއްޖޭ ތަމްސީލްވާގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސެމިނާތައް ބޭއްވުމަށްފަހު ކަމަށެވެ. އެ މަހާސިންތާ އަކީ ދިވެހި ބަހުގެ އާ ތަސައްވުރެއް ކަނޑައެޅުމަށް ބާއްވާ ބަހާސިންތާއެއް ކަަމަށް އަޝްރަފް ވިދާޅުވިއެވެ.
ސިލްސިލާ ސެމިނާތައް ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ސެމިނާ އޮންނާނީ ދވެހި ބަހުގެ ދުވަސް ކަމަށްވާ މާދަމާ އެވެ. މިއީ ސަރުކާރުން ވަކި ދުވަހެއް ކަނޑައަޅައިގެން ދިވެހި ބަހުގެ ދުވަސް ފާގަކުރާ ފުރަތަމަ ފަހަރެވެ.
"އަޅުގަނޑުމެން ގަސްތުކުރަނީ ކުދިކުދި ސެމިނާރުތަކުގައި މަޝްވަރަތައް ކުރަން. މި ފަހަރު މިއޮތީ ތައުލީމީ ދާއިރާގެ އެކި ބޭފުޅުންނާއި އަދި ދިވެހި ބަހުގެ ދާއިރާއިން ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ކުުރުން،" އަޝްރަފު ވިދާޅުވި އެވެ.
މާދަމާ ހެނދުނު ނުވަޔަކުން ފަހަކަށް ކުއްލިއްޔާގައި އޮންނަ ސެމިނާގައި އިލްމީ ކަރުދާސްތައް ހުށަހަޅާނެ ކަމަށާއި މި ކަރުދާސްތަކުގެ މައްޗަށް މަޝްވަރާކުރެވޭނެ ކަމަށް އަޝްރަފު ވިދާޅުވިއެވެ. މި ސެމިނާގައި ދިވެހި ބަހުގެ އެކަޑަމީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއި ބަހުގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައި ތިބި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އަޝްރަފު ވިދާޅުވި އެވެ. ސެމިނާތަކުގައި ޒުވާނުންގެ ޚިޔާލު ވެސް ހޯއްދަވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އެޕްރިލް 14 އަކީ އައްޝައިޚް ހުސައިން ސަލާހުއްދީން އުފަންވެވަޑައިގެންނެވި ދުވަހެވެ.