މިދިޔަ މަހުގެ ކުރީކޮޅު ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ހަވާލުވި ބޮސްނިއާގެ އާމިރު އަލަގިޗް، މަގާމާ ހަވާލުވިތާ މަސް ދުވަސް ނުވަނީސް އެ މަގާމުން ވަކިވެއްޖެއެވެ.

އަލަގިޗް ނިއުގެ ކޯޗުކަމުން ވަކިވެފައި ވާކަން އެ ޓީމުން ކަށަވަރު ކޮށްދީފައި ވާއިރު، އެ ޓީމުން ބުނީ އޭނާ މަގާމުން ވަކިވީ އާއިލީ ސަބަބުތަކާ ހުރެ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިވާން ޖެހުމުން އެކަމާ ހިތާމަ ކުރާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭ އޭނާ ޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށްވެސް ނިއުއިން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ނިއުގެ ކޯޗުކަމާ ހަވާލުވި އަލަގިޗް އެ މަގާމުން އަމިއްލައަށް ވަކިވެފައި ވާއިރު، އަލަގިޗްގެ އިރުޝާދުގެ ދަށުން ނިއު ކުޅުނީ އޮފިޝަލް ދެ މެޗެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުގައި އޭއެފްސީ ކަޕްގައި، އަމިއްލަ ދަނޑުގައި ނިއު ވަނީ މިޔަންމާގެ އަޔެވާދީ ޔުނައިޓަޑް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ދެވަނައަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުންވެސް އެ ޓީމް ވަނީ 1-0 ގެ ނަތީޖާއަކުން މާޒިޔާ އަތުން ބަލިވެފައެވެ.

ނިއުގެ ކޯޗްކަން އަލަގިޗާ ހަވާލުކުރަން އެ ކްލަބުން ނިންމީ، ނިމިގެން ދިޔަ ޕީޕަލްސް ކަޕާއި އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި އެ ޓީމަށް ކޯޗުކަން ކޮށްދިން މިކާ ލޮބްސްޓްރޮމް އެ މަގާމުން ވަކި ކުރުމުންނެވެ. މިކާ އާއެކު އެ ޓީމް މިދިޔަ އަހަރުގެ ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައި ވާއިރު، އޭނާ ވަނީ ހަވީރުން ހޮވި 2014 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމްވެސް ހޯދާފައެވެ.

އަލަގިޗް ނިއުގެ ކޯޗުކަމުން ވަކިވެ، މިއަދު އޭނާ ބޮސްނިއާއަށް ދިޔުމަށް ފުރާފައި ވާއިރު، ނިއު ވަނީ އޭއެފްސީ ކަޕްގައި މިޔަންމާގެ އަޔެވާދީ ޔުނައިޓަޑާ ދެކޮޅަށް ކުޅުމަށް ރޭ މިޔަންމާއަށް ފުރާފައެވެ. އެ ޓީމުގެ ހެޑް ކޯޗް މަގާމުން ވަކިވުމުން، އެ މެޗުގައި އެ ޓީމަށް ކޯޗުކަން ކޮށްދޭން ހަމަޖެހިފައި ވަނީ ނިއުގެ އެކަޑާމީ ކޯޗް ސޮބާހު މުހައްމަދު އެވެ. ސޮބާހު ވަނީ މިކާ އެ ކްލަބުން ވަކިކުރުމުން މީގެ ކުރިން އަމިއްލަ ދަނޑުގައި ލާއޮސްގެ ލާއޯ ޓޮޔޯޓާ އެފްސީ އަތުން 2-1 ގެ ނަތީޖާއިން ނިއު މޮޅުވި މެޗުގައިވެސް މިއަހަރު އެ ޓީމަށް ކޯޗުކަން ކޮށްދީފައެވެ.

އަލަގިޗް އަކީ މީގެ ކުރިން ޖަރުމަނުގެ ވާޑާ ބްރޭމަންގެ ޓެކްނިކަލް ޓީމާ އެކު މަސައްކަތް ކުރުމުގެ އިތުރުން، ބޮސްނިއާގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި، އިންޑިއާގެ އީސްޓް ބެންގޯލްއަށާއި، އޮމާނުގެ ސޮހާރް އަދި ކުވޭތުގެ އަލް ނަސީރު ކްލަބަށް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭނާ މަގާމުން ވަކިވުމުން، ވޭތުވެދިޔަ އަހަރެއްހާ ދުވަހު ނިއުއަށް ކޯޗުކަން ކޮށްދީފައިވާ ކޯޗުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.