މިއަހަރު ނިމެންވާއިރަށް ހުރިހާ އިދާރާއަކަށް އިންފޮމޭޝަން އޮފިސަރުން ކަނޑައަޅުއްވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، މަޖިލީހުން އައްޔަންކޮށްފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މިއަދު ވަނީ އަހަރު ދުވަސްވެފަ އެވެ. އަހަރު ދުވަހު އެ އޮފީހުގެ މަސައްކަތާ ގުޅޭ ގޮތުން މިއަދު ވަނީ ނޫސްވެރިންނަށް މައުލޫމާތު ހިއްސާކޮށްފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ ސަރުކާރު ހިއްސަވާ ހުރިހާ އިދާރާތަަކަށް އިންފޮމޭޝަން އޮފިސަރުން ކަނޑައެޅުމަށް ލާޒިމުކޮށްފައިވާއިރު، އެކަން ކުރުމަށް ހުރިހާ ފަރާތެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ޭއޭނާ ވިދާޅުވީ މިހާތަނަށް ސަރުކާރު ހިއްސާވާ 1،286 އިދާރާއެއް ހިމެނޭ އިރު އެތަނުން 523 ކުންފުންޏެއްގައި އިންފޮމޭޝަން އޮފިސަރުން އައްޔަންކޮށްފައިވާ ކަމަށެވެ.

"މިއީ ވަރަށް މަދު އަދަދެއް، އަދިވެސް ހަމަ ވަރަށް ބުރަ މަސައްކަތް ކުރަމުން މި ދަނީ އޮފިސަރުން އެކުލަވާލަން، ހުރިހާ ފަރާތެއްގެ ވެސް އެއްބާރުލުން ވަރަށް ބޭނުންވޭ،" އިންފޮމޭޝަން ކޮމިޝަނަރު ވިދާލުވި އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން އިންފޮމޭޝަން އޮފިސަރުންނަކީ ވެރިންގެ ފެންވަރަށް ވުރެ ދަށް ބޭފުޅަކަށް ވާން ޖެހޭނެ ކަމަށާއި ބައެއް ތަންތަނުގައި ތިބެނީ ދެ ތިން މުވައްޒަފުން ކަމަށްވުމުން، އިންފޮމޭޝަން އޮފިސަރުން ކަނޑަ އެޅުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންފޮމޭޝަން ގާނޫނަށް އިސްލާހުތަކެއް ގެންނަން ހުރި ކަމަށް އަޒީޒު ވަނީ މިއަދު ވިދާޅުވެފަ އެވެ. އެގޮތުން އާންމު ވިސްނުމުން ސަރުކާރު އޮފީހެއްގެ ގޮތުގައި ގަބޫލު ނުކުރާ ތަން ތަން ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާތަކަށް ވާތީ އެކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

"ސިޔާސީ ޕާޓީތަށް، އެންޖީއޯތަށް އެބަވޭ ސަރުކާރު އިދާރާތަކަށް މި ގާނޫނުގެ ދަށުން" ޖަމާލު ވިދާޅުވި އެވެ.