ޕެރިސް (އެޕްރީލް 13): ޔޫރަޕްގެ އެއާބަސް ކުންފުނިން އުފައްދާ އެއާބަސް މަރުކާގެ މަތިންދާބޯޓާއި ސެޓެލައިޓްގެ ބައިތައް އުފައްދާ ކާރުޚާނާތައް އިންޑިޔާގައި ބިނާކޮށްދީ އެތަކެތި އިންޑިޔާގައި އެސެމްބްލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރަށް އޮތްކަމަށް އެކުންފުނިން ބުނެފިއެވެ.

އެއާބަސް ކުންފުނީގެ ބަޔާނެއް ބުނާގޮތުން ފަރަންސޭސިވިލާތުގެ ތޮލޯޒްގައި ހުންނަ އެ ކުންފުނީގެ މައި އޮފީހަށް އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ މިދިޔަ ހޮނިހިރު ދުވަހު ޒިޔާރަތް ކުރައްވައި އެއާބަސް މަރުކާގެ މަތިންދާބޯޓާއި ސެޓެލައިޓްގެ ބައިތައް އުފައްދާ ކާރުޚާނާތައް އިންޑިޔާގައި ގާއިމްކުރުމުގެ އިންވެސްޓްމަންޓްތަކާބެހޭގޮތުން އެކުންފުނީގެ އިސްވެރިންނާ މަޝްވަރާ ކުރެއްވިއެވެ. މިމަޝްވަރާތައް ކާމިޔާބު ކަމަށާއި މިކަމަށް އިޖާބަ ދިނުމަށް އެކުންފުނި ތައްޔާރަށްއޮތްކަން މޯދީއަށް ދެންނެވި ކަމަށް މިބަޔާން ބުނެއެވެ.

އެއާބަސް ކުންފުނީގެ މައި އޮފީހަށް މޯދީ ޒިޔާރަތް ކުރެއްވީ އޭނާ ފަރަންސޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައެވެ. މިދަތުރުފުޅުގައި އިންޑިޔާއާއި ފަރަންސޭސިވިލާތުގެ ކުންފުނިތަކާ ދެމެދު ހަކަތައާއި ޓްރާންސްޕޯޓާއި ފަޒާއާބެހޭ އެތަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ފަރަންސޭސި ރަފާލް ކުންފުނިން ބުނީ އެކުންފުނިން އުފައްދާ ރަފާލް މަރުކާގެ ފައިޓާޖެޓްގެ 35 އަސްކަރީ ބޯޓު އިންޑިޔާއަށް ވިއްކުމާބެހޭގޮތުން އިންޑިޔާގެ މަސްއޫލުވެރިންނާ އެކު ކުރި މަޝްވަރާތައް ކާމިޔާބު ކަމަށާއި ނަމަވެސް އެއްބަސްވުމަކާ ހަމައަށް އަދި ނުދާކަމުގައެވެ.

އިންޑިއާ ބޭނުންވަނީ ރަފާލް މަރުކާގެ ފައިޓާ ޖެޓްވެސް އިންޑިޔާއާ ގުޅިގެން އުފެއްދުމަށެވެ. މިކަމަށްޓަކައި އެކުންފުނީގެ ކާރުޚާނާތައް އިންޑިޔާގައި ބިނާކޮށް އެ މަރުކާގެ ބޯޓުތަކުގެ ބައިތައް އިންޑިޔާގައި އެސެމްބްލް ކުރުމަށްވެސް އިންޑިޔާއިން އެދިފައިވާ ކަމަށް ޚަބަރު ލިބެއެވެ. (ނޫސްއެޖެންސީތައް)