13 Apr 2015, 17:03
އިންގިރޭސި ޕްރިމިއަ ލީގުގައި ޗެލްސީއާއި ކްއީންސް ޕާކް ރޭންޖަރސް (ކިއުޕީއާރު) ރޭ ބައްދަލުކުރި މެޗުގައި ޗެލްސީގެ ސެސް ފެބްރިގާސް ފަހު ވަގުތު ކާމިޔާބު ކުރި ލަނޑާއެކު ކިއުޕީއާރުގެ ސަޕޯޓަރުން ދަނޑު މައްޗަށް ފުޅި ފަދަ ތަކެތި އުކާފައި ވާއިރު، އެކަން ކުށްވެރި ނުކުރާނެ ކަމަށް ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ ބުނީ އެ މެޗުގައި ސަޕޯޓަރުންގެ ފަރާތުންވެސް، އަދި ކުޅުންތެރިންގެ ފަރާތުންވެސް ގަވައިދާ ހިލާފު އެއްވެސް ކަމެއް ފެނިފައި ވާކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ. އަދި އެފަދަ މެޗެއްގައި އެފަދަ ކަންކަން ދިމާވުމަކީ އެއީ އެހާ ބޮޑު ކަމެއް ނޫން ކަމަށް މޮރީނިއޯ ވަނީ ސިފަ ކޮށްފައެވެ.
"ދަނޑުމަތީގައި މެޗު ދިޔައީ ދާން ޖެހޭ ގޮތަށް. އަދި ސަޕޯޓަރުންގެ ސްޓޭންޑު ތަކުގައިވެސް މެޗު ދިޔައީ ދާން ޖެހޭ ގޮތަށް. އެފަދަ މެޗެއްގައި ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން،" ކިއުޕީއާރް އަތުން 1-0 ގެ ހަނި ނަތީޖާއަކުން މޮޅު ވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.
ކިއުޕީއާރްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި، ޗެލްސީގެ ހަމައެކަނި ލަނޑު ފެބްރިގާސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރިހަމަ ވަގުތު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮނެވެ. އެ މެޗަށް ފަހު މޮރީނިއޯ ބުނީ އެފަދަ ހާލަތްތަކުގައި ސަޕޯޓަރުން ދަނޑު މައްޗަށް އެއްޗެހި އުކައިފި ނަމަ، އެކަމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުން އެއީ އޭގައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"މެޗެއް ނިމިގެން ދާއިރު ސަޕޯޓަރުން ނުރުހުން ފާޅު ކުރުމުގެ ގޮތުން ޕައުންޑެއް ކުޅުންތެރިންނާ ދިމާލަށް ދަނޑު މައްޗަށް އެއްލައިފި ނަމަ، އޭގަ އޮތް އެންމެ ރަނގަޅު ގޮތަކީ އެ ޕައުންޑް ނަގައި ޖީބަށް ލުން. ޗޮކްލެޓެއް އެއްލައިފި ނަމަ، އެ ޗޮކްލެޓު ކާލާނީ. އެފަދަ ކަންކަމަކީ އެހާ ބޮޑު މައްސަލައެއް ނޫން. ކޮންމެ މީހަކުވެސް ޕައުންޑެއް ބޭނުން ވާނެ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ އެހެން ބުނި ނަމަވެސް، މެޗަށް ފަހު ކިއުޕީއާރްގެ ކޯޗް ކްރިސް ރަމްސީ ވަނީ ސަޕޯޓަރުންގެ އަމަލުތައް ކުށްވެރި ކޮށްފައެވެ. އަދި ބައެއް ފަހަރު ދެ ޓީމުގެ މެދުގައި އޮންނަ ވާދަވެރިކަން ހައްދުފަހަނަޅައި ދާކަމަށް އޭނާ ވަނީ ބުނެފައެވެ.
"ދަނޑު މައްޗަށް އެއްޗެހި އުކުމަކީ އަހަރުމެން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން. އެކަން ވީގޮތް އަހަންނަށް އެހާ ރަނގަޅަކަށް ނުފެނޭ. ނަމަވެސް އެއީ ކިއުޕީއާރްގެ ސަޕޯޓަރުން ކުރި ކަމެއް ނަމަ، އެ ސަޕޯޓަރުން މި ކްލަބުގައި ބައިތިއްބާކަށް ބޭނުމެއް ނޫން،" ރަމްސީ ބުންޏެވެ.