ޒުވާނުންގެ މަރުކަޒާދިމާ ކަނޑުތޮށި ކައިރިން މަރުވެފައި އޮތް ތުއްތުކުއްޖަކު ފެނިއްޖެއެވެ.

މަރުވެފައި އޮތް ތުއްތު ކުއްޖާ ފެނުނީ، މީގެ އިރުކޮޅެއް ކުރިން އެ ސަރަހައްދުގައި ބޯވާނެގުމަށް ފީންނަ އުޅުނު ޒުވާން ދެކުއްޖަކަށެވެ. ސަންއަށް އެނގިފައިވާ ގޮތުގައި އެ ދެ ޒުވާނުންނަކީ އެއްބަނޑުއެއްބަފާ ދެބެންނެވެ.

ބޯވާނަގަން ފީނަން އުޅުނު ދެ ޒުވާނުންނަށް އެ ތުއްތު ކުއްޖާ ފެނުނީ، އެންކަރ މިލްކު ހުސްކުރި މެދު ސައިޒުގެ ދަޅަކަށް ލާފައި މަތިޖަހާފައި އޮއްވައެވެ.

"އަޅުގަނޑުމެން ބޯވާނަގަން އެ ސަރަހައްދުގައި ފީނަމުން ދަނިކޮށް އެ ދަޅުފެނުނީ. ދެން މަތިގަނޑު ޖަހާފައި އޮތް ދަޅެއް، އަޑީގައި އޮތުމުން ދަޅުނެގީ. އަދި ދަޅު މަތިނަގާފައި ބެލިއިރު އޭގެތެރޭގައި އޮތީ މަރުވެފައި އޮތް ތުއްތު ކުއްޖެއް،" އެ ދެޒުވާނުން އެމީހުންނަށް ދަޅު ފެނުނުގޮތް ސަންއަށް ކިޔައިދިނެވެ.

ސަންގެ ނޫސްވެރިން އެތަނަށް ދިޔައިރު ފުލުހުން ވަނީ އެ ކުއްޖާ ދަޅުން ނަގައި ފުޅިމަދު ފޮއްޓަކަށް ލައިފައެވެ. އަދި ފޮށިގަނޑު ތެރޭގައި ކުއްޖާ އޮތްގޮތަށް ބަލާއިރު އެއީ މިއަދު ދަޅަކަށްލާފައި އޮތް ކުއްޖެއްކަމަކަށް ނުބެލެވެއެވެ. ކުއްޖާގެ އަތް ފަދަ ގުނަވަންތައް އުފެދިފައި ހުރި މިންވަރަށް ބަލާއިރު އެއީ ދުވަސް ނުފުރައި ވިހާފައި އޮތް ކުއްޖެއްކަމަށް ބެލެވެއެވެ.

ފުލުހުން މިހާރު ވަނީ ފުޅިމަދުފޮއްޓަށް ތުއްތުކުއްޖާ ލައިގެން އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަދި އެމައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.