13 Apr 2015, 16:13
ދިވެހިބަހުގެ އެކެޑެމީން އިންޑިއާއަށް ކުރި ދިހަ ދުވަހުގެ ދަތުރުގެ ސަބަބުން ތައުލީމީ ފުރުސަތުތަކާއި ބަހާއި ސަގާފަތާއި ގުޅޭގޮތުން ދިރާސާ ކުުރުމުގެ ފުރުސަތުތައް ލިބިފައިވާ ކަމަށް ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވެއްޖެއެވެ.
'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފު ވިދާޅުވީ، ދިވެހި ދަރިވަރުން އިންޑިއާއަށް ގޮސްގެން ބަހާއި ސަގާފަތުގެ ދާއިރާއިން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތާއި އަދި އިންޑިޔާގެ ޔުނިވާސިޓީތަކުން މާލެއަށް އައިސް ކުރު ކޯސްތައް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. ތައުލީމުގެ ފުރުސަތުތައް ދީފައިވާ ޔުނިވާސިޓީ ތަކުގެ ތެރޭގައި އިންޑިއާގެ މައްޝޫރު އަލީގަޅު މުސްލިމު ޔުނިވާސިޓީ އާއި މައިސޫރު ޔުނިވާސީޓީއާއި ކަންނަންނޫރު ޔުނިވާސިޓީއާއި ސަހިއްތިޔަ އެކެޑެމީ ހިމެނޭ ކަަމަށް އަޝްރަފު ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިބަހުގެ އަސްލާއި ބެހޭގޮތުން ދިރާސާއެއް ކުުރުމަށް އަލީގަޅު ޔުނިވާސިޓީގެ ޕްރޮފެސަރެއް ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ވެސް އަޝްރަފު ވިދާޅުވިއެވެ. އަދި އެހެން ޔުނިވާސިޓީތަކުން ވެސް މިފަދަ ހުށަހެޅުންތައް ލިބިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށްވާ އަލީ ރާޖާގެ އާއިލާގެ ބޭފުޅުންނާއި ބައްދަލުވިކަމަށާއި، އަލީ ރާޖާގެ ލިޔުންތަކުގެ ތެރޭގައި ރާއްޖެއާއި ބެހޭ ލިޔުމެއް އޮތްތޯ ބެލުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާ ކަށެވެ.
" އަލީ ރާޖާ އޭރު ގެންގުޅުނު ލިޔުންތައް ހުރީ އަރުޝީފެއްގައި، އަށާރަ ވަރަކަށް ހާސް ލިޔުންތައް އެބަހުރި. އަދި އެ ޑޮކިއުމެންޓްތައް ލިބޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށް އެ އާއިލާގެ ބޭފުޅުން ވިދާޅުވި" އަޝްރަފު ވިދާޅުވިއެވެ.
އިންޑިޔާގެ ޔުނިވާސިޓީތަކާއި އެކެޑެމީ ތަކާއެކު އިންޑިއާ ދަތުރުގައި އުފެދުނު ގުޅުން ރަސްމީ ގުޅުމަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އަޝްރަފު ވިދާޅުވިއެވެ.
" ރާއްޖެއާއި އިންޑިއާ އެކިކަންކަމުގެ ތެރޭގައި ހުރި ގުޅުންތައް އަޅުގަނޑުމެންނަށް ވަަރަށް ސާފުކޮށް އެބަފެނޭ. ދެން މުސްތަގުބަލުގެ ދިރާސާތަކަށް ކަންތައްތައް ކުރަންވީ ކޮންގޮތަކަށް ކަމުގެ ޚިޔާލެއް އަޅުގަނޑުމެންނަށް ލިބިއްޖެ. މިވެނި ލިޔުންތައް ހުރީ ކޮންކޮންތަނެއްގައިކަން، އެތަކެތި އަތްމަތިކޮށް ހޯދޭނެ ގޮތަކީ ކިހިނެއް ކަން. އަދި މިވެނި ދާއިރާއަކުން ބޭނުންވާ ފަންނީ ގާބިލުކަން ހޯދާގަނެވޭނީ ކޮންގޮތަކުން ކިހިނެއްކަން، މި ފިކުރު އަޅުގަނޑުމެންނަށް ލިބިއްޖެ" އަޝްރަފް ވިދާޅުވިއެވެ.
ބަހާއި ތާރީޚާއި ސަގާފަތް ހިމާޔަތްކޮށް ތަރައްގީކޮށް ދިރުވަން އިލްމީ އަދި ފަންނީ އެހީތެރިކަން އެ ދަތުރުގެ ސަަބަބުން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ.
ދިވެހިބަހުގެ އެކެޑެމީން އިންޑިއާއަށް ކުރި ދިހަ ދުވަހުގެ ދަތުރަކީ ދިވެހި ސަރުކާރާއި އިންޑިއާ އެމްބަސީ އާއި ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއި އެކު ކުރި ދަތުރެކެވެ. މި ދަތުރުގައި އެކަޑަމީގެ ރައީސާއި މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.