ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުންނާއި އެ ތަންތަނުން ވިއްކާ ތަކެތިން ނަގާ، ޓީޖީއެސްޓީ، ޓެކްސްގެ ގޮތުގައި މި އަހަރު 77.8 މިލިޔަން ޑޮލަރު، ނޫނީ އެއް ބިލިޔަން ދިވެހި ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ އިން މިއަދު ބުނެފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޓޭޝަން ޔަޒީދު މުހަންމަދު މިއަދު ވިދާޅުވީ ޖެނުއަރީ މަހު ޓީޖީއެސްޓީ ނަގަން ފެށިފަހުން އެ މަހު 6.6 މިލިޔަން ޑޮލަރު ދައުލަތުގެ އާމްދަނީ އަށް ވަންނާނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ.

"ޖީއެސްޓީ ދައްކަން ޖެހޭ ފަރާތްތަކުގެ 15 ޕަސެންޓް މިހާރު ދައްކާފައިވާ އިރު، ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރު ވަނީ ލިބިފައި. އުންމީދު ކުރެވޭ 6.6 މިލިއަން ޑޮލަރު ލިބޭނެ ކަމަށް." ޔަޒީދު ވިދާޅުވި އެވެ.
މިރާ އިން މިއަދު ބުނީ ކުންފުނިތަކުން މި މަހުގެ ނިޔަލަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާން ފެބުރުއަރީ 28 ކުރިން ހުށަހެޅުމަށް ހަނދާން ކޮށްދޭ ކަމަށެވެ.

ގިނަ ފަރާތްތަކުން ޓީޖީއެސްޓީ އަދިވެސް ދައްކާފައި ނުވާތީ މީރާގެ އޮފީސް މިއަންނަ ހޮނިހިރު ދުވަހު 10:30 ހަވީރު 3:30 އަށް ހުޅުވާފައި ބަހައްޓާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި އާދިއްތަ ދުވަހާއި ހޯމަ ދުވަހު ހެނދުނު 8:00 އިން ހަވީރު ހަޔަކަށް ހިދުމަތްދޭ ގޮތަށް ވެސް މީރާ އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

"މިއީ ޓީޖީއެސްޓީ ދައްކާ ފުރަތަމަ ފަހަރު. އެހެންވެ ބައެއް ފަރާތްތަކުން އެބައުޅޭ ދަތިތަކެއް. އެހެންވެ މިހާރު އަޅުގަނޑުމެން ހިދުމަތްދޭ ދުވަސްތައް މި އިތުރު ކުރީ. އޭރުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" ޔަޒީދު ވިދާޅުވި އެވެ.

ޓީޖީއެސްޓީގެ ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިހާރު ޓޫރިސްޓް ހިދުމަތް ދޭ ކޮންމެ ތަނަކުން 3.5 ޕަސެންޓް ޓެކުހެއްނަގަ އެވެ.