13 Apr 2015, 14:45
ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ޖުމުލަ މިންވަރު 1990 ވަނަ އަހަރާ އަޅައިބަލާއިރު 18 އިންސައްތަ ދަށް ކުރުމާ ގުޅޭ "ދޯހާ އެމެންޑްމަންޓް"އަށް ރާއްޖެއިން އަމަލު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުންދީފިއެވެ.
މި ގޮތަށް ރުހުންދޭން ފެންނަ ކަމަށް ފާސްވީ 46 މެމްބަރުންގެ ވޯޓުންނެވެ.
މި އެމެންޑްމަންޓަށް އަމަލު ކުރުމަށް ފެނޭތޯ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީގައި ވެސް ވަނީ ދިރާސާ ކޮށްފައެވެ.
ގާނޫނުއަސާސީގެ 93 ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލު ކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށްފަހު އަދި އެ މުއާހަދާއަކާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ނިންމެވުމުން ކަމަށެވެ.
ގައުމީ ސަލާމަތު ކޮމިޓީން މި މުއާހަދާ ދިރާސް ކުރަމުން ދިޔަ އިރު ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެކަމުގެ ނުރަނގަޅު އަސަރު ހުރިހާ ބައްރުތަކާ ގައުމުތަކަށް ކުރާނެ ކަމަށް ހޯދުންތަކުން ސާބިތުވާ ކަމަށް ހިމެނެ އެވެ.
ރާއްޖެއަކީ ކިއޯޓޯ ޕްރޮޓޮކޯލުގައި ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމުގައި ވުމުން ދޯހާ އެމެންޑްމަންޓަށް އަމަލީ ސިފަ އަންނާނީ އެ ޕްރޮޓޮކޯލުގައި ބައިވެރިވެފައިވާ ގައުމުތަކުގެ ތެރެއިން ހަތަރު ބައި ކުޅަ ތިންބައި ގައުމުން އެ އެމެންޑްމަންޓު ރަސްމީކޮށް ބަލައިގަނެ އިންސްޓްރަމަންޓު އޮފް ރެޓިފިކޭޝަން އެ އެއްބަސްވުމުގެ ޑިޕޮޒިޓަރީ ކަމަށްވާ އދ. ގެ ސެކެޓްރީ ޖެނެރަލަށް ހުށަހެޅުމުން ނެވެ.
ދޯހާ އެމެންޑްމަންޓު ތަސްދީގު ކުރެއްވުމާ ގުޅިގެން އެކަމުގެ ސީދާ އަސަރެއް ދިވެހި ދައުލަތުގެ ބަޖެޓަށް ނުފޯރާނެ ކަމަށް ކޮމީޓިން ފާހަގަކޮށްފައި ވެއެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ސަރުކާރުން ރާވާފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ބޭނުންވަ ތަފާތު އެހީތައް ލިބުމުގައި އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ކޮމިޓީން ފާހަގަކޮށްފައި ވެއެވެ.