13 Apr 2015, 15:02
ޓޫރިސްޓު ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތައް 99 އަހަރަށް ކުށްޔަށް ދިނުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލު ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގެންފައި ވަނީ 48 މެމްބަރުންގެ ވޯޓުންނެވެ.
އޭނާ ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން 50 އަހަރަށް ރިސޯޓު ހިންގުމަށް ލިބިފައިވާ ފަރާތްތަކަށް އިތުރު 49 އަހަރު ލިބޭނެއެވެ.
ރިސޯޓު ކުއްޔަށް ހިފުމުގެ މުއްދަތު އިތުރު ކުރާނީ 50 އަހަރަށް، ރަށްރަށާއި ބިންތައް ކުއްޔަށް ހިފައިފައިވާ ފަރާތަކީ "އެކަމަށް ޝަރުތު" ފުރިހަމަވާ ފަރާތެއްނަމަ އެ ރަށެއް ނުވަތަ އެ ބިމެއް ކުށްޔަށްދީފައިވާ މުއްދަތު އިތުރު 49 އަހަރު ދުވަހަށް އިތުރުކޮށްދޭންވާނެ އެ އިސްލާހުގައި ވެއެވެ.
ގާނޫނުގައި ބުނެފައިވާ ޝަރުތުތަކުގެ ތެރޭގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅުގައި ތަރައްގީކުރާ ރިސޯޓު ހުޅުވާފައިވުން ހިމެނެއެވެ. އަދި ހަމައެއާއެކު މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ފަސް މިލިއަން އެމެރިކާ ޑޮލަރު އެއް ފަހަރާ ދައްކާފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ޓޫރިސްޓު ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ނުވަތަ ބިންބިމާ ނުވަތަ ފަަޅުފަޅުގައި ކުރާ އެއްވެސް މަސައްކަތެއްގައި އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނަފަދަ އެއްވެސް ކަމެއް ކުރަންވާނީ ކަމާ ބެހޭ މިނިސްޓްރީއަކުން ލިޔުމަކުން ހުއްދަ ހޯދުމަށްފަހުގައި ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގެ 15ވަނަ މާއްދާގެ ދަށުން ހަދާ އެއްވެސް ގަވާއިދަކާ ޚިލާފުވާ ފަރާތެއްވާ ނަމަ ފަސް މިލިއަން އެމެރިކާ ޑޮލަރަށް ވުރެއް ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް މުހައްމަދު ހުށަހެޅުއްވި ބިލުގައި ބުނެފައިވެއެވެ.
ރިސޯޓުތައް 99 އަހަރަށް ކުށްޔަށް ދިނުމަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވާއިރު، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މީގެ ކުރިން ވިދާޅުވެފައި ވަނީ އިގްތިސާދީ ރިފޯމެއް ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ކޮންމެ ހިނދެއްގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. އެހެން ނަމަވެސް އިގްތިސާދީ ރިފޯމެއް ގެންނަންޖެހޭ ކަމަށް އަދީބު ވިދާޅުވި އެވެ.
އެގޮތުން ލޭންޑް ރިފޯމެއް ގެނެސް ފޮރިން އޯނާޝިޕް ދޭންޖެހޭ ކަމަށާއި އަދި ރިސޯޓްތަކަށް އިންވެސްޓްކުރުމަށް ބެންކު ތަކުން ވެސް 40 އަހަރާއި 50 އަހަރުގެ މުއްދަތު ގަބޫލު ނުކުރާ ކަމަށާއި އޭގެ އެންމެ ރަނގަޅު މިންވަރަކީ 99 އަހަރު ކަމަށް އަދީބު ވިދާޅުވިއެވެ. އަދި 99 އަހަރަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިނަމަ ދައުލަތަށް އާމްދަނީ ލިބި ގިނަ ރިސޯޓުތަކުން މުއްދަތު އިތުރުކުރާނެ ކަމަށް ވިދާޅުވިއެވެ.