ތުރުކީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ 37 ވަނަ "ޓީއާރްޓީ ޗިލްރެންސް ފެސްޓިވަލް" ގައި ބައިވެރިވާ ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ބައްދަލުކުރައްވައިފި އެވެ.

މިއަދު އެޑިކޭޝަން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި، އެ ފައަރގައި ބައިވެރިވާ 13 ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން، ސްކޫލްތަކުން އޮފިޝަލުންގެ ގޮތުގައި ބައިވެރިވާ ފަރާތްތައްވެސް ވަނީ ބައިވެރި ވެފައެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އެފަދަ ދަތުރުތަކަކީ ކުދިންގެ ކުރިއެރުމަށް ވަރަށް މުހިންމު ތަޖުރިބާތަކެއް ލިބިގެން ދާނެ ދަތުރުތަކެއް ކަމަށާއި، އެފަދަ ދަތުރުތަކުން ދަސްވާ ކަންތައްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާތޯ އެޑިއުކޭޝަން މިނިސްޓްރީންނާއި ސްކޫލްތަކުން ބަލަމުން ގެންދާނެ ކަމަށެވެ.

"ބޭރު ގައުމަކަށް ކުރާ މިފަދަ ދަތުރެއްގައި ބައިވެރި ވުމަކީ ދަރިވަރުންނަށް ލިބިގެން ދާނެ ވަރަށް މުހިންމު އެކްސްޕޯޝަރ އެއް. އަދި މިއީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ބަދަހިކުރަންވެސް އެހީތެރިވެދޭނެ ކަމެއް. މިގޮތަށް ކުރެވޭ ދަތުރުތަކުގައި އަޅުގަނޑުމެން ބަލަނީ ވީހާވެސް ގިނަ ދަރިވަރުން ބައިވެރި ކުރެވޭތޯ. އަދި ދަތުރުގެ ފަހުންވެސް ދަތުރު ތެރޭގައި ދަސްވި ކަންތައްތަކާއި އަދި އިތުރަށް ކުރަން ހުރި ކަންތައްތައް ކުރިއަށް ގެންދެވޭތޯ ސްކޫލްތަކާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ފެއަރގެ ބައިވެރިންނާ މުހާތަބު ކުރައްވާ ޑރ. ޝިހާމް ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އޭގެ އިތުރުން، އެ ދަތުރުގެ ބައިވެރިންނަކީ ވަރަށް ގިނަ ސްކްރީނިން ތަކެއްގެ ތެރެއިން ހޮވިފައި ތިބި ދަރިވަރުންކަން ފާހަގަކޮށް، މިނިސްޓަރު ވަނީ ދަތުރުގައި ބައިވެރިވާ ދަރިވަރުންނަށާއި އޮފިޝަލުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މީގެ ކުރިން އެފަދަ ދަތުރުތަކުގައި ބައިވެރިވި ކުދިން ފަދައިން، އެންމެ ރަނގަޅު ގޮތުގައި ބޭރު ގައުމެއްގައި ރާއްޖެ ތަމްސީލު ކުރުމަށް މިނިސްޓަރު ވަނީ ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

މި މަހުގެ 15 އިން 23 އަށް ތުރުކީގެ އަންތާލިޔާގައި އޮންނަ ޓީއާރްޓީ ޗިލްރެންސް ފެއަރގައި ބައިވެރިވާ 13 ދަރިވަރުންގެ ތެރޭގައި ހިމެނެނީ ކަލާފާނު ސްކޫލާއި ތާޖުއްދީން ސްކޫލްގެ ހަތް ދަރިވަރުންނާއި އައްޑޫ އަތޮޅުގެ އެކި ސްކޫލްތަކުން ޖުމްލަ ހަ ދަރިވަރުންނެވެ. އަދި އެ ދަތުރުގައި އޮފިޝަލުންގެ ގޮތުގައި ވަނީ ދެ ޓީޗަރުން ބައިވެރިވާ ގޮތަށް ހަމަޖެހިފައެވެ. މިއީ ރާއްޖެ އެ ދަތުރުގައި ބައިވެރިވާ ހަތަރުވަނަ ފަހަރެވެ.