13 Apr 2015, 14:56
ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައީސް ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމުން އެ ބިލު އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ބިލު ކޮމިޓީއަށް އަނބުރާ ފޮނުވާލުމަށް ފާސްވީ 48 މެމްބަރުންގެ ވޯޓުންނެވެ.
ރައީސް ޔާމީން އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައި ވަނީ އެ ބިލަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ލަފާ ހޯއްދެވި އިރު، ގާނޫނީ ގޮތުން "ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައި ހުރުމުން" ނެވެ.
ޕެރޯލް ބޯޑަށް ހުށަހެޅި އިސްލާހުގައި ވަނީ، ހުކުމް ތަންފީޒުކުރާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބި ޕެރޯލްއާ ގުޅޭ ގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ނިންމިތާ 60 ދުވަހުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމުގެ ހައްގު ހުކުމް ތަންފީޒުކުރާ މީހަކަށް ލިބިގެންވާ ކަމަށެވެ. އެ މައްސަލަ ޝަރީއަތަށް ހުށަހެޅޭނީ ޕެރޯލް ބޯޑުން ނިންމާ ނިންމުން އަލުން މުރާޖާކޮށްދިނުމަށް ދެވަނަ ފަހަރަށް އެ ބޯޑަށް ހުށަހަޅައި ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެވެ.

ރައީސް ނަޝީދު: ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ނުވެ އެވެ -- ފޮޓޯ/ އޭޕީ
ބިލު ހުށަހެޅުއްވި މެމްބަރު، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއް ނަމަ، ޖަލުން ފިލައިގެން ނުވަތަ ބޭސްފަރުވާއަށް ވެސް ޖަލުން ބޭރުގައި ހޭދަ ކުރާ ދުވަސްތައް، ހުކުމް ތަންފީޒު ކުރާ ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައި ވާނެ ކަމަށެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު އެކުލަވާލާފައި ވަނީ ގައިދީން އެކި ބޭނުންތަކަށް ނުވަތަ ފިލައިގެން ޖަލުން ބޭރުގައި ހޭދަކުރާ ދުވަސްތަކަކީ ހުކުމް ތަންފީޒު ކުރާ ދުވަސްތަކުގެ ގޮތުގައި ހިމެނޭ ގޮތަށެވެ.
ޖަމީލު ވިދާޅުވީ އެ ބިލަކީ ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ބިލެއް ކަމަށާއި އޭގައި ޖަލުގައި ތިބޭ ގައިދީންނާއި ތަހުގީގަށް ހައްޔަރުކުރެވިފައި ތިބޭ މީހުންނަށް އެތަކެއް ހައްގުތަކެއް ކިބިދިނުމަށް ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ.